ބޮލީވުޑް

އާމިރު ޚާން ދެކެ ލޯބި ވެވިދާނެތީ ބިރުން އުޅުނިން: ރާނީ

ރާނީ މުކަރުޖީ ބޮލީވުޑަށް ނުކުތީ 1990ގެ އަހަރު ތަކުގަ އެވެ. އަދި 2000ގެ އަހަރު ތަކަކީ އޭނާގެ ފިލްމީ ރޮނގުން އެންމެ ރަން ޒަމާނޭ ބުނެވިދާނެ އެވެ. އޭރު ބޮލީވުޑްގައި ރަނިކަން ކުރި އެއް ބަތަލާ އަކީ ރާނީ އެވެ.

ރާނީގެ އެންމެ ފަހުގެ ފިލްމު "ބަންޓީ އައުރު ބަބްލީ 2" ޕްރޮމޯޓް ކުރުމަށް އޭނާ މިދިޔަ ހަފުތާގައި ސޮނީ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވި އެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅުގެ ބައެއް ވާހަކަތައް ރާނީ ވަނީ ހިއްސާ ކޮށްފަ އެވެ.

އެއްވެސް ސީނިއާ އެކްޓަރަކާ އެކު އެކްޓްކުރަން ޖެހުމުން ހިތް ނުތަނަވަސްކަން އިހްސާސްވީތޯ ކަޕިލް ކުރި ސުވާލުގެ ޖަވާބުގައި ރާނީ ބުނީ "ގުލާމް" އާއި "ކުޗް ކުޗް ހޯތާ ހޭ"ގައި މަސައްކަތް ކުރިއިރު އާމިރު ޚާނާއި ޝާހް ރުކް ޚާނާ އެކު މަސައްކަތްކުރަން ހިތް ބިރު ގަނެގެން އުޅުނު ކަމަށެވެ.

"އޭރު އަހަރެންގެ އުމުރުން ވާނީ 16-17 ވަރަކަށް އަހަރު. އޭގެ ކުރިން އާމިރާއި ޝާހް ރުކް އަހަރެންނަށް ފިލްމުތަކުން ފެނިފައިވޭ. 'ގަޔާމަތުސޭ ގަޔާމަތު ތަކް" އާއި "ދިލް ވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އޭރު އަހަރެން އޮތީ ސްކްރީނުން ބަލާފައި. އަދި މި ދެ ފިލްމުން މި ދެ އެކްޓަރުން ފެނިފައި އަހަރެންގެ ހިތުގެ ވިންދު އަވަސްވި. ފުރާވަރު ދުވަސްވަރު ބައެއް މީހުންނަށް ވަރަށް ހިތް ކިޔާނެ. އެކަހަލަ ގޮތެއް އަހަންނަށް ވެސް ވެފަ ހުރީ،" ރާނީ ބުންޏެވެ.

ރާނީ އިތުރަށް ކިޔައިދިން ގޮތުން "ގުލާމް"ގެ ރޮމެންޓިކް މަންޒަރެއް ޝޫޓްކުރަން ޖެހުމުން އޭނާއަށް އާމިރުގެ ލޮލަށް ބަލާކަށް ނުކެރުނެވެ.

"އާމިރުގެ ދެ ލޮލަށް ބަލައިފިނަމަ އޭނާ ދެކެ ލޯބި ވިވެދާނެކަމުގެ ބިރަށް އަހަރެން ހުރީ އޭނަގެ ބޫޓުގެ ނާޑުވައަށް ބަލަން،" ރާނީ ބުންޏެވެ.

ރާނީ ބުނި ގޮތުގައި އޭނާއަށް ލޯބީގެ މަންޒަރުތައް އެންމެ ފުރިހަމައަށް ކުޅެލަން ދަސްކޮށްދިނީ އާމިރެވެ. އޭނާ ދަސްކޮށްދިންލެއް މޮޅުކަމުން މިހާރު ގަހެއް ދައްކާފައި ރޮމޭންސް ކުރާށޭ ބުންޏަސް އޭނާއަށް އެކަން ކޮށްލާކަށް އެއްވެސް ކަމަކަށް ނުވާނެ އެވެ.

"ވީރް-ޒާރާ"ގައި ޝާހްރުކްގެ މުސްކުޅި ކެރެކްޓާއާ އެކު އެކްޓްކުރަން ވެސް ރާނީއަށް ވަރަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. އެ ފިލްމުގައި ޝާހްރުކްގެ ލޯބިވެރިޔާގެ ރޯލު ކުޅުނު ޕްރީތީ ޒިންޓާ އެވެ.

ރާނީ ކުޅުނީ ޝާހްރުކްގެ މުސްކުޅި ކެރެކްޓާގެ ގާނޫނީ ވަކީލެއްގެ ބައެވެ. އެހެންކަމުން އެ ފިލްމުގައި ރާނީ އާއި ޝާހްރުކްގެ ކެރެކްޓާގައި އެއްވެސް ރޮމޭންސް އެއް ނެތެވެ. އެމީހުންނަށް ދައްކަން ޖެހުނީ ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ. ނަމަވެސް ޝާހް ރުކް އަށް ވެސް ރާނީ އަށް ވެސް މި މަންޒަރު ރަނގަޅަށް ކުޅެވޭ ގޮތް ނުވި ކަމަށް ރާނީ ކިޔައިދިނެވެ.

"އަހަރެމެން ދެ މީހުންނަށް އެކަކު އަނެކަކާ ދިމާލަށް ބަލާލުމާއެކު ހެވެނީ. އެއީ ބައްޕަ އަކާއި ދަރިއެއްގެ އޮންނަ ކަހަލަ ގުޅުމެއް ދައްކަން ނޭނގިގެން ހޭން ފެށެނީ. އެންމެ ފަހުން އެ ފިލްމުގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ރުޅިއައިސްގެން އަހަރެމެންނަށް ވަރަށް އެއްޗެތި ގޮވީމަ ދެމީހުން ސީރިއަސްކޮށް އެ މަންޒަރު ކުޅުނީ،" ރާނީ ބުންޏެވެ.