އެމްއެންޑީއެފް

އެކްސަސައިޒް "ދޯސްތީ" މިއަދު ފަށަނީ

Nov 20, 2021

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ" ގެ ކަނޑުމަތީ ތަމްރީންތައް މިއަދު ފަށާނެ އެވެ.

ސިފައިންގެއިން މިއަދު ބުނީ މި ތަމްރީނު ޕްރޮގްރާމަށް އިންޑިއާ އަދި ލަންކާގެ ކޯސްޓްގާޑުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

މި އަހަރަށް 30 އަހަރު ފުރޭ މި ތަމްރީނު ޕްރޮގްރާމް ހިންގާނީ މިއަދުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި މި ޕްރޮގްރާމުގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތް ދައްކުވައިދޭ ޑްރިލްތަކާއި، ކަނޑުގެ ޕޮލިއުޝަން ނައްތާލަން ގައުމުތަކުގެ ކޯސްގާޑުގެ އެކި މަސްއޫލިއްޔަތުތަކާއި، ކަނޑަށް ތެޔޮފަދަ ތަކެތި އެޅުން ހާދިސާއެއް މެދުވެރިވެގެން އުޅޭއިރު އެ އުޅަނދުން އަމަލުކުރާ ގޮތްތަކާއި ޕްރޮސީޖާތައް ތަފްސީލުކޮށްދީފައި ވެއެވެ.

ތިން ގައުމުގެ ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެގެން ބާއްވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ އާއި ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގުސަދުގައި ބާއްވާ އެކްސަސައިޒެކެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.