މިފްކޯ

މިފްކޯގެ ފިހާރަ ފަޅާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

Nov 20, 2021

މިފްކޯގެ މަސް ފިހާރަ ފަޅާލި މައްސަލާގައި އެކަކު ހައްޔަރުކޮށް އޭނާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އެފްއޭއެމް ބިލްޑިން ކައިރީގައި ހުންނަ މިފްކޯގެ އެންމެ ބޮޑު މަސް ފިހާރަ ފަޅާލީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ދެނަމާދު ދޭތެރޭގެ ވަގުތާ ދިމާކޮށްފަ އެވެ.

ފިހާރަ ފަޅާލުމަށްފަހު 30،000 ރުފިޔާ އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިފްކޯގެ ފިހާރަ ފަޅާލި ރޭ މައްސަލައިގެ ތުހުމަތުގައި ފުލުހުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުުރުކޮށްފަ އެވެ.

ފިހާރަ ފަޅާލުމުގެ ތުހުމަތުގައި އެކަކު ހައްޔަރުކުރި ނަމަވެސް މިމައްސަލާގައި އިތުރު ބަޔަކު ބައިވެރިވާ ކަމަށް ރެކޯޑް ކުރެވިފައި ހުރި ސީސީޓީވީ ފްޓޭޖުތަކުން ދައްކާ ކަމަށް މިފްކޯގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.