ކުޑަކުދިންގެ ހައްގުތަކަށް އިސްކަންދީ އެ ކުދިންނަށް ހާއްސަ ރައްކާތެރިކަމެއް ދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމު އިލްތިމާސް ކުރައްވައިފި އެވެ.
ނައިބް ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ހެދި ދަރިމައިވުމުގެ ސިއްހަތާއި ބެހޭ މަރުކަޒު "އުފަންވެނި" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ކުޑަކުދިންނަށް ހިދުމަތް ފޯރުކޮށްދޭއިރު އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ އެކު ހިދުމަތް ހޯދަން އަންނަ މީހުންނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާ އެކީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކޮށް ހިދުމަތް ދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.
"ހޮސްޕިޓަލެއްގައި ހިދުމަތެއް ދޭއިރު، ޖުމުލަކޮށް ހުރިހާ ހިދުމަތްތަކެއްވެސް ދޭއިރު ކުރާހިތުން އެކަމެއް ކުރުމަށް އެދެން،" ނައިބް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ވެސް ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށި ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ހިދުމަތް ހޯދި މީހުންގެ އަދަދު ތިން ލައްކައާ ގާތްކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ކަންކަމުން އެނގެނީ އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރު،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތްތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ހިދުމަތްތަކެއް ކަމަށެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ހުޅުވި "އުފަންވެނި" ސެންޓަރަކީ ޔޫއެންއެފްޕީއޭގެ ހިލޭ އެހީގެ ދަށުން އަތޮޅު ތެރޭގައި ގާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މިސެންޓަރުގައި މާބަނޑު މީހުންގެ ކްލިނިކެއް ގާއިމުކުރެވި، ދަރިމައިވުމާ ގުޅޭ ގިނަ ހިދުމަތްތައް އެއްތަނަކުން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.