ފައިސަލް ނަސީމް

އިދާރީ ހިންގުން ޒަމާނީކުރަން ޔޫއޭއީގެ އެހީ ހޯދަނީ

Mar 29, 2022

ދިވެހި ދައުލަތުގެ އިދާރީ ހިންގުން ޒަމާނީ ކުރުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ޔޫއޭއީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫއޭއީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ކެބިނެޓް އެފެއާޒް މުހައްމަދު އަލް ގެރާވީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ވޯލްޑް ގަވަރުމަންޓް ސަމިޓްގެ ހަވާސާގަ އެވެ.

މިއެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ބުނީ މިއީ ދެ ސަރުކާރު ދެމެދު ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމަށް ޔޫއޭއީ ސަރުކާރުގެ ތަޖުރިބާއާއި އެހީތެރިކަން ލިބޭނެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ޔޫއޭއީ ގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަރްޔަމް ބިންތް މުހައްމަދާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެށީގެ ކަންކަމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރެވޭނެ ގޮތް އިތުރަށް ފަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. އަދި މިނިސްޓަރު މަރްޔަމް ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނައިބް ރައީސް ވަނީ ދައުވަ ދެއްވާފަ އެވެ.