ފައިސަލް ނަސީމް

ފިތުނަ އުފެއްދުން ހުއްޓާލުމަށް ގޮވާލައްވައިފި

Feb 6, 2022
1

ފިތުނަ ފަސާދަ އުފެއްދުން ހުއްޓާލުމަށް ނައިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ހުޅުމާލޭގައި މަސްވެރިންގެ މައިޒާން މިއަދު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެން ވެސް ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ ކަމަށެވެ. އެހެންކަމުން އެކަންކަން ރަގަޅުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މީހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ފިތުނަ ފަސާދަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމަކީ އެއީ އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ކަމެއް" ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ ރޭވުންތެރިކަމާ އެކު ކަމަށެވެ. މިސަރުކާރު ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ކަމަށްވާތީ އެކަންކަން ކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.

ހުޅުމާލޭގެ މަސްވެރިންގެ ޖެޓީ ސަރަހައްދު ތަރައްގީކުރުމަށް މައިޒާނެއްގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ހުރީ ރޭވިފައި ކަމަށްވާތީ އެކަންކަން އަވަސް ކޮށްދިނުމަށްވެސް ނައިބް ރައީސް ވަނީ އެޗްޑީސީގެ ވެރިންނަށް ދަންނަވާފަ އެވެ.

ފައިސަލް ނަސީމް ވިދާޅުވި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ގިނަ ބަޔަކު އާބާދުވެފައިވާތީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރަން ޖެހުމުން އެހެން ގައުމުތަކަށް ކުރިމަތިވި ގޮތަށް ރާއްޖެ އަށް ވެސް ދަތިތަކެއް ކުރިމަތިވި ކަމަށްވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނާތީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.