ވަޒީފާއާބެހޭ ޓްރައިބިއުނަލް

ފެނަކައިގެ ދެ މުވައްޒަފަކަށް ވަޒީފާ ދިނުމަށް އަމުރުކޮށްފި

Nov 21, 2021
ފެނަކައިގެ މުވައްޒަފުންތަކެއް މަސައްކަތުގައި. ދެ މުވައްޒަފަކަށް ވަޒީފާ ދޭން ފެނަކަ މައްޗަށް ޓްރައިބިއުނަލުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: ފެނަކަ
0%
0%
0%

ފެނަކަ ކޯޕަރޭޝަންގެ ވަޒީފާ އިން ވަކިކުރި ދެ މުވައްޒަފަކަށް ފައިސާގެ ބަދަލު ދިނުމާއި އެކު އެ މީހުން ތިބި ވަޒީފާތަކަށް އަލުން އަނބުރާ އިއާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޓްރައިބިއުނަލުން މިއަމުރު ނެރުނީ ލ. ގަމުގެ ފެނަކަ ބްރާންޗުގެ ވަޒީފާތަކުން ޑިސެމްބަރު 3، 2019 ގައި ދެ މުވައްޒަފަކު ވަކިކުރުމުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށެވެ.

ވަޒީފާއިން ވަކި ކޮށްފައިވާ ދެ މުވައްޒަފުންނަކީ ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައި ހުރި ހުސައިން ހަލީމާއި އެސިސްޓެންޓް އިންޖިނިއަރެއްގެ ގޮތުގައި ހުރި އަލީ ދާވޫދު އެވެ.

އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ލ. ރީޖަނަލް އޮފީސް އުވާލުމާ ގުޅިގެން ކަމަށް ފެނަކައިން ބުނި ނަމަވެސް އެ މީހުން ވަޒީފާއިން ވަކިކުރުމުގައި އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.

ޓްރައިބިއުނަލުން މިމަހުގެ 15 ދުވަހު ވަކި ވަކިން ނިންމާފައިވާ ދެ މައްސަލައިގައި ބުނެފައިވަނީ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ އެ މީހުން ކުރިން ތިބި ވަޒީފާ ތަކަށް އަނބުރާ އިއާދަކުރުމަށްފަހު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ލިބުނު ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައިވެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިމަހުގެ ތެރޭގައި ށ. ބިލެއްފަހީގެ ފެނަކަ ބްރާންޗުގެ ވަޒީފާތަކުން މިދިޔަ އަހަރުގެ ތެރޭގައި ވަކިކުރި ހަތަރު މުވައްޒަފަކަށް ވެސް ވަޒީފާ ދިނުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެކި ސަބަބުތަކާ ގުޅިގެން ފެނަކައިގެ ވަޒީފާތަކުން ވަކިކޮށްފައިވާ އެހެން ބައެއް މީހުން ވެސް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. ފެނަކައިގެ ވަޒީފާއިން ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައި ފެނަކައިން ބުނީ ވަކިކުރާ މުވައްޒަފުންނަކީ ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރާ މުވައްޒަފުން ކަމަށެވެ. އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަނީ އެމީހުންގެ ކިބައިގައި ގާބިލްކަމެއް ނެތުމުން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345