ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދުގެ ބަދަލުގައި އެ މަގާމަށް އިތުރު މީހަކު ނެގުން މަޑުޖައްސާލުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ޓްރައިބިއުނަލުން މިއަދު މިއަމުރު ނެރުނީ ފެނަކައިގެ ސީއެފްއޯގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ވަހީދު ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.
އަބްދުﷲ ވަހީދު އެދިފައިވަނީ އޭނާއަށް އަލުން އެ ވަޒީފާ ދިނުމަށް އަމުރުކޮށްދިނުމަށާއި އެ މައްސަލަ ޓްރައިބިއުނަލުން ނިންމަންދެން އެ މަގާމަށް މީހަކު ނެގުން މަޑުޖައްސާލުމުގެ އަމުރަކަށެވެ.
ޓްރައިބިއުނަލުން މިއަމުރު ނެރުނީ އަބްދުﷲ ވަހީދު ވަޒީފާ އިން ވަކިކުރުމަށްފަހު ފެނަކައިގެ ސީއެފްއޯގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އެހެން މުވައްޒަފަކު އަދާކުރައްވަމުންވެސް ގެންދަވާތީ އެވެ.
އަބްދުﷲ ވަހީދު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފައި ގޭގައި ބެހެއްޓުމަށްފަހު އެވެ.
ފެނަކަ ވަޒީފާއާ ވަހީދު ގުޅިވަޑައިގަތީ ސެޕްޓެމްބަރު 11، 2014 ގައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު 26 ވަނަ ދުވަހު އެވެ.
ވަހީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިންވެސް އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކުރިއިރުވެސް އެ ފިޔަވަޅުތައް އެޅި ސަބަބެއް ފެނަކައިން އަންގާފައެއް ނުވެ އެވެ. އަދި އެ ސަބަބު ހޯދުމަށް ކުންފުނީގެ ކަމާ ގުޅޭ ބޭފުޅުންނަށް ފޯނު ކޮށްގެން ޖަވާބު ނުދެއްވި ކަމަށާއި މެސެޖާއި އީމެއިލް ކުރުމުން އެއަށްވެސް ޖަވާބު ނުދެއްވި ކަމަށް ވަހީދު ވިދާޅުވެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުން ވަހީދު ވަކިކޮށްފައިވަނީ ފެނަކަ އާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފެނަކަ އިން ފައިސާ ނުދޭ ކަމަށް ބުނެ ކުންފުނިތަކަކުން އިހްތިޖާޖުކުރަމުން ދިޔަ ދުވަސްވަރު އެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ދަރަނި ބޮޑު ކަމަށް ބުނެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.