ފުލުހުންގެ 75 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީ އަށެވެ.
ފުލުހުންގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީ އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން 15 ރަށެއްގައި، އާރްޑީސީ އިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންނަށް ޕޮލިސް ސްޓޭޝަންތައް އަޅައިދޭނެ އެވެ.
ފުލުހުންގެ ހިދުމަތަށް 91 އަހަރު ވެގެންދިޔައިރު މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ ފުލުހުންގެ އަމިއްލަ މަރުކަޒުގެ ގޮތުގައި 17 ސްޓޭޝަނެވެ.
ފުލުހުން ބުނީ 2023 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ފުލުހުންގެ ހިދުމަތް ގާއިމުނުވެ އޮތް 70 ރަށެއް އެބައޮތް ކަމަށެވެ. ނަމަވެސް ރޭގައި ސޮއި ކުރި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރާ ރަށްތައް ފިޔަވައި، ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
"މި މަޝްރޫއު ނިމުމުން މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ. މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހުންނާނެ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނޭ ކަމަށް ބުންޏެވެ.