ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދަށް ބަދަލު ކުރުމާމެދު މިހާތަނަށް ގޮތް ނިންމާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ޔާމީން ޖަލު ބަންދަށް ގެންދިއުމާއި ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ދެންނެވުމުން ސީޕީ މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ބަލި އިތުރަށް ބޮޑުވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިން ގައިދީން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން ޖުމްލަ 54 މީހަކު ގޭ ބަންދަށް ބަދަލުކުރި ކަމަށް ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރި އެއްވެސް ގައިދީއަކު އަދި ޖަލަށް ގެންދިއުމާއި ގުޅޭގޮތުން ވަކި ގޮތްތަކެއް ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް އުސޫލުގެ ތެރެއިން އެ މީހުން މޮނިޓާ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ގޭ ބަންދަށް ބަދަލުކުރި މީހުންގެ ތެރެއިން ފާހަގަކުރެވުނު ފަސް މީހަކު އަލުން ޖަލު ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ބަދަލުކުރި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ހާލަތު އަދި މުޅީން ބަދަލެއް ނުވެއެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން މިދިޔަ ރޯދަ މަހުގެ މެދަކާ ހަމައަށް އެމަނިކުފާނު ހުންނެވީ ޖަލުގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން ރޯދަ މަހުގެ ތެރޭގައި ގޭބަންދަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން ހުންނެވީ ގޭބަންދުގަ އެވެ.
ރައީސް ޔާމީން މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުމުންނެވެ.