މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް އިޖުރާއަތެއް ގޯސްވެގެން ދައުވާ ކުރެވޭ މީހާ ސަލާމަތްވުމަކީ "އިއްތިފާގެއް" ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ގއ. ދާންދޫ / މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްސަލާގައި އޭނާގެ ގެ އާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ދީފައިނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ނިންމާފައެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމަކުން އިބްރާހިމް މުހައްމަދު ސަލާމަތްވި ހުކުމް އިއްވަމުން ފަނޑިޔާރު ހަސަން ސައީދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އިބްރާހިމް މުހައްމަދުގެ ގެ އާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް ދީފައިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމެއް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
މި ނޫންވެސް ވަރަށް ގިނަ މައްސަލަތަކުގައި އިޖްރާއަތް ގޯސްވެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަަމަށް ފުލުހުން ތުހުމަތު ކުރާ މީހުން ސަލާމަތްވެފައިވެއެވެ. އިޖްރާއަތް ގޯސްވެގެން މުޅީންހެން ސަލާމަތްވަނީ ޑްރަގްގެ ބޮޑުން ކަމަށްވާތީ އެކަމާއި އެތައް ބަޔަކު ސުވާލު އުފައްދައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ކަންކަން ކަމަށާ ގަސްތުގައި އިޖުރާއަތެއް ގޯސްކޮށް ފުލުހުން އަމަލުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކުގައި އިޖުރާއަތު ގޯސްވެގެން މީހުން ދޫވުމަކީ "އިއްތިފާގެ"ވެ.
"ދެން ވަރަށް ބޮޑު އިއްތިފާގެއް މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް ކަމެއް ގޯސްވެގެން އާންމުކޮށް ކަންކަން ހިންގާ ގޮތާއި ހިލާފަށް ކަމެއް މެދުވެރިވެގެން މީސްމީހުން ދޫވުން. އިއްޔެގައިވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔަ އެއް އަޑު އެއީ،"
ސީޕީ ތަކުރާރުކޮށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރަނީ ވަރަށް ބޮޑު ސަމާލުކަން ދީގެން ކަމަށާ ގަސްތުގައި ގޯހެއް ހަދާފައިނުވާނެ ކަމަށެވެ. އަދި އޭގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް އޮތް މަސައްކަތެއް ކަމަށެވެ.
ބައެއް ހާލަތްތަކުގައި ފުލުހުންވެސް ގޯސްކޮށް އަމަލުކުރާ ކަމަށާ އެކަމާއި ގުޅިގެން ޑްރަގް އެންފޯސްމަންޓްގެ އޮފިސަރުން ވަޒީފާއިންވެސް ވަކިކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އެފަދަ މައްސަލައެއް ބަލަމުން ގެންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.