ރައްޔިތުންގެ މަޖިލިސް

އިންޑިއާ-ރާއްޖެ އެއްބަސްވުންތަކުގައި ގޯހެއް ނެތް: ކޮމެޓީ

ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމައިފި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހެދުމަށް ވެވުނު އެއްބަސްވުމާއި ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓު ބާއްވައިގެން އޮޕަރޭޓް ކުރުމަށް ވެވުނު އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ހަވާލުކުުރުމަށް ވެވުނު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ހުށައަޅުއްވާފައެވެ.

އެ މައްސަލާގައި ގޮތް ނިންމަން ބޭއްވި ބައްދަލްވުމުގައި މެންބަރު އުޝާމް ވަނީ ކޮމެޓީން ގޮތްތަކެއް ނިންމެވުމުގެ ކުރީން އެ އެއްބަސްވުންތަކުގެ ކޮޕީއެއް ހޯދުމަށް ހުށައަޅުއްވާފައެވެ. އުޝާމް ވިދާޅުވީ އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައާ ގުޅިގެން ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ކޮމެޓީގެ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރި ނަމަވެސް އެ ފައިލް ނުހުޅުވޭ ކަމަށާ އެކަން މުގައްރިރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ރިޕޯޓް މުޅީން ފެނިވަޑައިގަތީ މިއަދު ކަމަށްވާތީ އެއްބަސްވުންތަކުގައި ހުރި އެއްޗެއް ބެލުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެ-އިންޑިއާގެ އެއްބަސްވުމުގައި ހުރި ހުރިހާ މައުލޫމާތެއް ކޮމެޓީއަށް ނޭންގޭ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އަދި ކޮމެޓީއަށް ސިއްރުކުރަންޖެހޭ ފަދަ އެއްބަސްވުމެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އުޝާމް ހުށައެޅުމަށް މެންބަރު އަލީ ހުސައިން ތާއީދު ކުރެއްވިއެވެ. ނަމަވެސް ކޮމެޓީގައި ވޯޓަށް އެހުމުން އެ ހުށައެެޅުން ފާހެއް ނުވިއެވެ.

އޭގެ ފަހުން ކޮމެޓީން ވަނީ ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ނިންމާ ކޮމެޓީ ރިޕޯޓް ފާސްކޮށްފައެވެ.