ރަންދިހަފަހެއް

ރަންދިހަ ފަހެއްގެ އެންމެ ރީތި ކޮން ނޫޓެއް؟

Jan 26, 2016
2
  • މި ނޫޓުތައް މިއަދު ބޭނުންކުރަން ފަށާނެ
  • ނޫޓުތައް ޗާޕުކޮށްފައިވަނީ ޕޮލިމާ ކަރުދާހުން
  • ވަރުގަދަ ސެކިއުރިޓީ ފީޗާ ތަކެއް ހުރޭ

ދިވެހި ފައިސާގެ އާ ނޫޓުތައް މިއަދުން ފެށިގެން ބޭނުންކުރަން ފަށާނެ އެވެ. މުޅިން އާ ޑިޒައިނަކަށް ފަރުމާކޮށް، ފެންވަރު ރަނގަޅުކޮށް ޗާޕުކޮށްފައިވާ މި ނޫޓުތަކުގެ ސަބަބުން ދިވެހި ފައިސާގެ މޫނުމަތި ބަދަލުކޮށްލާނެ އެވެ. "ރަންދިހަ ފަހެއް"ގެ އާ ނޫޓުތައް ބޭނުންކުރަން ފަށާއިރު، ތަފާތު ޑިޒައިންތަކުގެ ނޫޓުތައް މިފަހަރު ސީރީޒްގައި ހިމެނެ އެވެ. ސުވާލަކީ ރަންދިހަ ފަހެއްގެ އެންމެ ރީތި ކޮން ނޫޓެއް ބާ އެވެ؟

"އެންމެ ރީތީ 1،000ރ. ގެ ނޫޓު. އެ ނޫޓު ރީތި ވަނީ ނޫޓުން ރާއްޖޭގެ ހައިބަތު ދައްކުވައިވޭތީ،" ބޭންކެއްގައި މަސައްކަތްކުރާ އިސް މުވައްޒަފަކު ބުންޏެވެ.

އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުނިން ޗާޕުކޮށްފައިވާ މި ނޫޓްތަކުގެ ތެރޭގައި ހިމެނެނީ ދިހަ ރުފިޔާ އާއި ވިހި ރުފިޔާ އަދި ފަންސާސް ރުފިޔާގެ އިތުރުން ސަތޭކަ ރުފިޔާ އާއި 500 ރުފިޔާ އަދި މުޅިން އަލަށް ނެރޭ އެއް ހާސް ރުފިޔާ އެވެ.

ބައެއް މީހުންނަށް 1،000ރ. ގެ ނޫޓު ރީތި ވެގެން އުޅޭއިރު، އަނެއް ބަޔަކަށް ރީތިވަނީ 1،00ރ. ގެ ނޫޓެވެ.

"އެންމެ ރީތި 1،00ރ. ގެ ނޫޓު. މި ނޫޓު ރީތިވަނީ ދިވެހި ހެދުން ފެންނާނީ. އޭގައި އިންނަނީ ލިބާސް ލީ މީހެއް. އެހެންވެ ރީތި ވަނީ،" އެހެން މީހަކު ބުންޏެވެ.

ތިރީގައި ލިޔެލަނީ މި ނޫޓުތަކާއި އޭގައި ހިމަނާފައި ހުރި ސިފަތަކެވެ.

10ރ. ގެ ނޫޓު: ސަގާފަތާއި އާދަކާދަ ދައްކުވައިދޭ

މި ނޫޓުގެ ކުލައަކީ ރީނދޫ ކުލަ އެވެ. މޫނުމަތީ ހިމަނާފައި ވަނީ މީހަކު ރުކަކަށް އަރާ މަންޒަރާއި ބޮޑުބެރު ޖެހުން އަދި ދޮން ދަނބުރުކު ކުރުނބާ އިހަލެއްގެ ކުރެހުމެކެވެ. ނޫޓުގެ ފަހަތުގައި ގައުމީ ދަރުލް އާސާރުގައި ރައްކާކުރެވިފައިވާ އެންމެ އަސާރީ ބޮޑުބެރުގެ ކުރެހުމެއް ވެސް ހިމަނާފައިވެ އެވެ. އަދި ނޫޓުގައި ބޭނުންކޮށްފައިވާ ޑިޒައިން އަކީ ބޮޑުބެރުގައި ހުންނަ ޑިޒައިން އަސްލަކަށް ބަލައިގެން ކުރަހާފައިވާ ޑިޒައިނެކެވެ.

20ރ. ގެ ނޫޓު: އިގްތިސާދީ ދާއިރާތައް

މި ނޫޓުން ދައްކުވައިދެނީ ކަޅުބިލަ މަހަކާއި ރީނދޫ އުރަހަ ކަންނެއްޔެއް ހިފައިގެންދާ މަސްވެރިއެއްގެ މަންޒަރެވެ. މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާ ޕޯޓާއި ބޮލީގެ ކުރެހުން ދައްކުވައިދެ އެވެ. އަދި ނޫޓުގެ ފަހަތުގައި ވަނީ އިހު ޒަމާނުގައި ބޭނުންކުރި ރިޔަލު ދޯންޏެކެވެ.

50ރ.ގެ ނޫޓު: ދީނާ ދިވެހީންގެ އެއްބައިވަންތަކަން

ނޫޓުގެ މޫނުމަތިން ދައްކުވައިދެނީ ކީރިތި ގުރުއާން ކިޔަވަން އިން ކުއްޖެކެވެ. މީގެ އިތުރުން ދޯނި ބާލާ މަންޒަރު ހިމެނޭ ކުރެހުން ފެނެ އެވެ. އަދި ނޫޓުގެ ފަހަތުން ދައްކުވައިދެނީ ހުކުރު މިސްކިތުގެ މުންނާރުގެ ކުރެހުމެކެވެ. މީގެ އިތުރުން ދޯނި ބާލާ މަންޒަރު ހިމެނޭ ކުރެހުމެކެވެ.

1،00ރ ގެ ނޫޓު: ގައުމިއްޔަތާއި ދިވެހި އަކުރު

ނޫޓުގެ މޫނުމަތީގައިވަނީ ދިވެހި ލިބާސް ލައިގެން ދިވެހި ލިބާހުގެ ހިރު ގެތުމުގެ މަސައްކަތް ކުރަމުންދާ އަންހެނެކެވެ. މީގެ އިތުރުން ދިވެހި ގައުމީ ހެދުމުގައި ތިބި މީހުންތަކެއްގެ ކުރެހުން ހިމެނެ އެވެ. މީގެ އިތުރުން ނޫޓުގެ ފަހަތުން ދައްކުވައި ދެނީ ދަނބިދޫ ލޯމާފާނުގެ ކުރެހުމެކެވެ.

500ރ. ތުނޑުކުނަލުގެ މަންޒަރެއް

ނޫޓުގެ މޫނުމަތީގައިވާ މައިގަނޑު ކުރެހުމަކީ ލަކުޑީގައި ކަނޑާ، ނެގުމުގެ މަސައްކަތް ކުރަމުން ދާ މީހެއް އަދި އޭގެ އިތުރުން އިލޮށި މަށަން އިންނަ އަންހެނެއްގެ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުން ދައްކުވައިދެނީ އިހުޒަމާނުގެ ގަނޑުވަރު ތެރޭގައި ބޭނުންކުރާ ލިޔެލާ ޖަހާ ނާޅި އެކެވެ.

1،000ރ. ރާއްޖެއަށް އަލަށް

މި ނޫޓަކީ ރާއްޖެއަށް އަލަށް ތައާރަފުކުރާ ނޫޓެކެވެ. އެއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. މި ނޫޓުން ދައްކުވައިދެނީ ފެހުރިހީގެ ބުރަކަށިމަތީގެ ހުންނަ ޕެޓާން އިން ހަދާފައިވާ ޑިޒައިނެކެވެ. މީގެ އިތުރަށް ވެސް ޓޫރިޒަމާއި ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމުކަން މި ނޫޓުން ފެނިގެންދެ އެވެ.

ގިނަ މީހުންގެ ހިޔާލުގައި އެންމެ ރީތީ އަލަށް ނެރޭ 1،000ރ. ގެ ނޫޓެވެ. މި ނޫޓު ރީތިވުމުގައި އޭގައި ހިމަނާފައިވާ މަންޒަރު މުހިންމު ދައުރެއް އަދާކުރެ އެވެ. ކޮންމެއަކަސް މިއަދުން ފެށިގެން އާ ނޫޓުތައް އޭޓީއެމްއިން ލިބެން ހުންނާނެ އެވެ.