- ވަގު ނޫޓު ހެދުމުގެ ފުރުސަތު ކުޑަ
- ގިނަ ބަޔަކަށް ނޫޓުގެ ސިފަތަކެއް ނޭނގެ
ރާއްޖޭގެ އާ ރުފިޔާ ޗާޕުކުރީ އިނގިރޭސިވިލާތުގެ "ޑިލަރޫ" ކުންފުނިންނެވެ. އެ ކުންފުނީގެ ތައާރަފަށް ދާނަމަ އެންމެ ކުރުކޮށް ބުނެވޭނީ ޕައުންޑްވެސް ޗާޕުކުރަނީ އެ ކުންފުނިންނެވެ. އަދި "ރަންދިހަ ފަހެއް" ގެ ނޫޓު ޗާޕުކޮށްފައިވަނީ ޕޮލިމާ ކަރުދާހުގަ އެވެ. އެހެންކަމުން ނޫޓުގެ ކޮލިޓީއާމެދު، ޝައްކެއްނެތެވެ. ފެންވަރު ރަނގަޅެވެ. ނަމަވެސް އާ ނޫޓު އަހަރެމެންނަށް އެނގިފައިވާ ވަރާމެދު މިވަނީ ސުވާލު އުފެދިފަ އެވެ. އާ ނޫޓުގައި ހުރި މުހިންމު ސިފަތައް އެނގޭ ހެއްޔެވެ؟
"ނޭނގެ، އާ ނޫޓެއް ނެރުނުކަން އެނގެނީ. މީގައި ހުރި ސެކިއުރިޓީ ކަންތައްތަކެއް ނޭނގެ،" ސޯސަން މަގުގައި ހުރި ކުޑަ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.
"ރަންދިހަ ފަހެއް" ގެ އާ ނޫޓުގެ ބޭނުންކުރަން ފަށާފައިވާއިރު މި ނޫޓުގައި ހުރި މުހިންމު ސެކިއުރިޓީ ސިފަތައް އާއްމުން މިވަނީ ދަސްކުރަން ޖެހިފަ އެވެ. ހާއްސަކޮށް ވިޔަފާރިވެރިން މިކަމަށް ހޭލުންތެރިވާން ޖެހެ އެވެ. މިކަން ވަނީ ނޫޓު ޗާޕުކުރި އިނގިރޭސިވިލާތުގެ "ޑިލާރޫ" ކުންފުނިން ވެސް ފާހަގަކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރީޖަނަލް ކަރަންސީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ 150 ގައުމެއްގެ ނޫޓު ޗާޕުކޮށްފައިވާ "ޑިލަރޫ" ކުންފުނީގެ ޖެނެރަލް މެނޭޖަރު މާކް ފިލާ ވިދާޅުވީ އާ ނޫޓުގެ ވަގު ނޫޓު ހެދުމަކީ ވާނެކަމެއް ނޫނެވެ.
ނަމަވެސް، ދާދިފަހުން މިވަނީ މިފަދަ އޮޅުވާލުމެއް ފެންމަތިވެފަ އެވެ. އެއީ ރަންދިހަ ފަހެއްގެ 10ރ. ގެ ނޫޓެއް ބްލީޗް ކުރުމަށްފަހު ނޫޓުގެ މައްޗަށް މިވަނީ 500ރ. ގެ ޕްރިންޓް ކޮށްފަ އެވެ. އަދި އެކަން ކުރި ބަޔަކު އެވަނީ އެ ނޫޓު "ވިއްކާލާފަ" އެވެ. މި މަކަރު ހެދުނީ ކީއްވެގެން ހެއްޔެވެ؟ މީގައި ބުނެލަން ޖެހެނީ ފައިސާގައި ހިމެނޭ މުހިންމު ސިފަތައް އެ ފައިސާ ގަތް މީހުންނަށް އެނގިފައި ނެތުމެވެ. މިހެންވުމުން ފެންވަރު ދަށްކޮށް، އާދައިގެ ޑެސްޓޮޕް ޕްރިންޓަރަކުން އާދައިގެ ކަރުދާހަކަށް ކޮށްފައިވާ މި ޕްރިންޓް ވެސް ނޭނގުނެވެ. އާ ނޫޓުގެ އެންމެ ބޭސިކް ސިފަތައްވެސް އެނގިފައިނުވުމެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވި ގޮތުގައި ވަގު ނޫޓު ހެދުމަކީ ކޮންމެ ގައުމެއްގައި ވެސް ކުރާކަމެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރާ ކަމަށެވެ.
"އާ ނޫޓު [ރަންދިހަ ފަހެއް] ނެރޭ މި ދުވަސްވަރު މަސައްކަތްކުރާނެ މީގެ ނާޖާއިޒު ފައިދާ ނެގުމަށް. އެހެންވެ ރަންދިހަ ފަހެއް ހަދާފައިވާ ޕޮލިމާ ބޭސިސްއަކީ، ނޫޓު ހެދުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ފުރިހަމަ ޕްލާސްޓިކް ބޭސިސް ޕޮލިމާ. އެހެންވެ ވަގު ނޫޓު ހަދަން ދަތިވާނެ،" މަރިޔަމް ވިދާޅުވި އެވެ.
އެންމެ ފަސޭހައިން އާނޫޓު ދެނެ ގަންނާނީ ކިހިނެއް؟
ރަންދިހަ ފަހެއްގެ ނޫޓުގައި ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމަނާފައިވެ އެވެ. މި ނޫޓުތައް ޗާޕުކޮށްފައިވާ ޕްލާސްޓިކް ބޭސިސް ޕޮލިމާއަކީ ފައިސާ ޗާޕުކުރާ ޑިލަރޫއިން ނޫނީ ލިބޭނެ އެއްޗަކަށް ނުވުމެވެ. އެހެންކަމުން ފުރަތަމަ ނޫޓު އަތަށް އަރާ ހިސާބުން ވެސް ނޫޓު ދެނެ ގަނެވިދާނެ އެވެ. ތިރީގައި މި ލިޔަނީ އެންމެ ފަސޭހައިން ރަންދިހަ ފަހެއްގެ ނޫޓުގެ ސައްހަކަން ދެނެގަންނާނެ ގޮތް ތަކެވެ.
- ނޫޓުގެ ކްލިއާ ވިންޑޯއިން ނޫޓުގައި އިންނަ އަދަދު ފެންނާނެ
- ނޫޓު އައްޔަށް ދިއްކުރުމުން ކްލިއަ ވިންޑޯގެ މަތިން އެމްއެމްއޭ ފެން މަރުކާގެ ސިފައިގައި ފެންނާނެ
- ނޫޓުގައި ލޮލަށް ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ހާއްސަ ޓެކްޓައިލް ޑޮޓްސް ހުންނާނެ
- ޔޫވީ ލައިޓަށް ދިއްކޮށްލުމުން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭނެ
- ޔޫވީ ލައިޓުން ނޫޓުގެ މޫނުމަތިން ބައެއް ދެ ކުލައަކުން ދިއްލޭނެ
- ޔޫވީ ލައިޓުން ނޫޓުގެ މޫނުމަތިން ނޫޓުގެ އަގު ދިއްލޭނެ، 100، 500 އަދި 1،000ރ. ގައި ދެ ތަނެއްގައި މި ދިއްލުން ފެނޭ
އެމްއެމްއޭގެ، ޑެޕިއުޓީ ގަވަރުނަރު މަރިޔަމް ވިދާޅުވީ އާ ރުފިޔާ ގެންގުޅޭއިރު ރީތިކޮށް ގެންގުޅެން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
"ގެންގުޅޭ ވަރަކަށް ކުލަ ބަދަލު ވެދާނެ. ކުރީގެ ނޫޓުގައި ވެސް ބަދަލުވޭ. ޕޮލިމާ ނޫޓުގައި ހޭކުމުން ދެލި ނުކުމެދާނެ،" މަރިޔަމް ވިދާޅުވި އެވެ.
ދެން އޮތް ސުވާލަކީ އާ ނޫޓުތައް ސައިޒުގައި ތަފާތެއް ހުރެދާނެ ބާ އެވެ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ނޫޓުތަކަށް ބަލާއިރުވެ ސް ޕްރިންޓްކޮށް، ކެފުމުގައި ކޮންމެ ވެސް ވަރެއްގެ ތަފާތެއް ހުރެ އެވެ. މިގޮތުން ނޫޓުތަކުގައި އެންމެ ބޮޑުކޮށްވެސް ފަރަގު ހުންނަނީ ގާތްގަނޑަކަށް 1.5 މިލިމީޓަރުގެ ތަފާތެއް ހުރެ އެވެ. ދެން އުފެދޭ ސުވާލަކީ ރަންދިހަފަހެއްގެ ނޫޓުތަކުގައި ހިމެނޭ ސިފަތައް ނުލަިއ، ނުވަތަ އިތުރުކޮށްގެން ބަޔަކު އެއްޗެއް ނެރުނު ނަމަވެސް އެ ނޫޓުތަކެއް އޭޓީއެމްއިން ޖަމާކުރެވިދާނެ ބާ އެވެ؟
މިކަމަކީ ނުވާނެ ކަމެވެ. ސަބަބަކީ އޭޓީއެމް ސެޓްކޮށްފައި ހުންނަނީ ނޫޓުގައި ހިމެނޭ ސިއްރު ސިފަތަކާއި، އެހެން ސިފަތައް ނުލައި ބަލައި ނުގަންނާނެ ގޮތަކަށް ކަމަށްވުމެވެ. އެހެންކަމުން ބުނެވޭނީ ރަންދިހަ ފަހެއްގެ ނޫޓު ތަކަކީ އިތުބާރު ބޮޑު އެއްޗެއް ކަމެވެ. ނަމަވެސް ވަގުންގެ މަޅިތަކުން ސަލާމް ވުމަށް މި ނޫޓުތަކުގެ ސަލާމަތީ ސިފަތައް ދަސްކުރަން ޖެހެ އެވެ.