މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ތިން އަހަރުގެ ތެރޭގައި 266 ޖާގަ ޖަލަށް އިތުރުކުރެވިއްޖެ: ސީޕީ އަހްމަދު

Nov 21, 2021
2

ޖަލުތަކުގެ ޖާގަ އިތުރުކުރުމަށްޓަކައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން 266 ޖާގަ އިތުރުކުރެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ސީޕީ އަހްމަދު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ފާއިތުވި ތިން އަހަރު ކުރެވުނު މަސައްކަތުގެ ދަށުން މިހާތަނަށް 250 ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލޭ ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން 50 މީހުން ބޭތިއްބޭވަރުގެ ޖާގަ ލިބި، މާފުށި ޖަލުގައި 100 މީހުން ބޭތިއްބޭ ގޮތަށް ސްޕެޝަލް މެނޭޖްމަންޓް ޔުނިޓެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ގަވައިދާ ހިލާފުވާ ބިދޭސީން ހައްޔަރުކޮށްފައި ތިބޭ ހުޅުމާލެ ޖަލުގެ ބަޔަށް ވެސް 100 ޖާގަ އިތުރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ހިންމަފުށި ޖަލުގައި ކުޑަކުދިން ބޭތިއްބުމަށް ހާއްސަކޮށްގެން ހަދަމުންދާ މަރުކަޒުގައި 16 ޖާގަ ހުންނާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެ މަރުކަޒުގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިމި، ބޭނުންކުރަން ފެށުމުން މިދިޔަ ތިން އަހަރުގެ ތެރޭގައ ޖަލުތަކަށް 266 ޖާގަ އިތުރުކުރެވިގެން ދިޔައީ ކަމުގައި ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާލެ ޖަލު، ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަންނަ އަހަރު އެކަމުގެ އަމަލީ މަސައްކަތް ފަށާނެ ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެ މަސައްކަތް މުޅިން ނިމުމުން ޖަލުގެ ރިމާންޑު ޖާގަ އިތުރުކުރެވި ކުށްވެރިން ބެލެހެއްޓުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޖަލުތަކުގެ ޖާގަ ފުރުމާއި ކުށްވެރިން ރަނގަޅަށް ރިހިބިލިޓޭޓް ނުކުރެވޭ މައްސަލައަކީ އެޗްއާރްސީއެމްގެ ޓީމުތަކުން ޖަލުތަކަށް ޒިޔާރަތްކޮށް އެކުލަވާލައި ރިޕޯޓްތަކުގައި އާންމުކޮށް ފާހަގަކުރާ މައްސަލަތަކެކެވެ. ޖަލުތަކުގައި ހައްލުކުރަން އަންގާ ބައެއް މައްސަލަތައް ހައްލުނުކުރާ މައްސަލަ ވެސް އެޗްއާރްސީއެމުން ތަކުރާރުކޮށް ފާހަގަކުރަމުންދެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މީގެކުރިން ބުނީ ޖަލުތަކުގައި ތިބޭ ގައިދީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު އެ އަދަދަށް މުވައްޒަފުންނާއި ވަސީލަތްތައް އިތުރުކުރުމަށް ބޭނުންވާ ބަޖެޓު ނުލިބުމަކީ އެ އިދާރާ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.