މާފުށީ ޖަލުގައި 130 މީހުންގެ ޖާގައިގެ އިތުރު ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންގެ ތަމްރީން ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ 130 މީހުންގެ ޖާގައިގެ އިތުރު ތަނެއް މާފުށީގައި ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެތަނުގައި ހައި ސެކިއުރިޓީ ގޮޅިތަކެއްވެސް ހަދާނެ ކަމަށެވެ.
"ޖަލުގެ ޖާގައިގެ ދަތިތައް އުޅޭތީ އަޅުގަނޑުމެން މިދަނީ ދަތިތައް ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޖަލުގައި ޖާގަ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން މިހާތަނަށް 220 ޖާގަ އިތުރު ކުރެވުނު ކަމަށެވެ.
މާފުށީ ޖަލުގައި އަލަށް ހަދާ ބައިގައި ހަދާ ހައިސެކުރިޓީ ގޮޅިތަކަކީ ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ގޮޅިތަކެވެ.
މިނިސްޓަރު ވިދާޅުވީ އެ ތަން ޑިޒައިން ކޮށްފައިވަނީ ޑިޒައިނަރުން ތަންތަނަށް ގޮސް ތަޖުރިބާ ހޯދައިގެން ކަމުގަ އެވެ.
"ރާއްޖޭގައި ތިބި ޖަލުތަށް ޑިޒައިން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބޭފުޅުން ހޯދައިގެން އިތުރުން ތަންތަނަށް ގޮސް ތަޖުރިބާއާ އެކުގައި ޑިޒައިން ކޮށްގެން ފުރަތަމަ ފަހަރަށް ހައި ސެކުއިރިޓީ ޖަލެއް ރާއްޖޭގައި ބިނާ ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަލު ބަލަހައްޓާ މީހުންނަށް ހިންގި ތަމްރީނު ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ އެވެ. 113 މީހުން މިޕްރޮގްރާމް ފުރިހަމަ ކުރި އެވެ.