އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މޮރާދުއާބާދު މީހަކު މަރު ނުވަނީސް ގަބުރު ރައްކާ ކުރާ ފިނި ކޮށާރުގައި ހުންނަ ފްރީޒަރަކަށް ލާފައި ހަތް ގަޑިއިރު ބާއްވައިފި އެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 40 އަހަރުގެ މި މީހާ ގަބުރުކޮށާރަށް ގެންދިޔައީ ޑޮކްޓަރުން އޭނާ މަރުވީކަމަށް ނިންމުމުންނެވެ.
ސްރީކޭޝް ކުމާރު އަކީ އިލެކްޓްރީޝަނެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ މޮރާދުއާބާދު މަގެއް މަތިން ހިނގާފައި ދަނިކޮށް ވަރަށް ބާރަށް ދުއްވާފައި އައި މޮޓޯސައިކަލެއް އޭނާގެ ގައިގައި ޖެއްސި އެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ ވަގުތު އޭނާ ބެއްލެވި ޑޮކްޓަރުން ނިންމެވީ އޭނާ މަރުވެފައިވާ ކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ޕޯސްޓް މޯޓަމް ހެދުމަށްޓަކައި މޯޗަރީގެ ފްރީޒަރަށް ލީއެވެ.
އޭރު އާއިލާގެ މީހުން އެ ހަށިގަނޑަކީ ސްރީކޭޝްގެ ހަށިގަނޑުކަން ދެނެގަނެ، އޮޓޮޕްސީ ހަދަން އެއްބަސްވެ ލިޔުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ އެވެ. މި ލިޔުން ފުލުހުންނަށް ހުށަހެޅުމަށްފަހު އެ ފަރާތުގެ ހުއްދަ ލިބިގެން ނޫނީ އޮޓޮޕްސީ އެއް ނުހެދޭނެ އެވެ.
ނަމަވެސް މޯގްގައި ސްރީކޭޝް އޮތްއިރު އޭނާގެ ހަށިގަނޑު ދެކެން އެތަނަށް ދިޔަ އާއިލާގެ މީހުންގެ ތެރެއިން އޭނާގެ ފަހަރިއަކަށް އޭނާގެ ހަށިގަނޑުގައި ދިރުން ހުރިކަމަށް ހީވިގެން އެ ވާހަކަ ދައްކަން ފެށި އެވެ. އަދި އާއިލާގެ ދެން ތިބި މީހުންނަށް ވެސް އެހެން ހީވެގެން ޑޮކްޓަރުންނާއި ފުލުހުންނަށް އެކަން އެންގި އެވެ.
ސްރީކޭޝް ފްރީޒަރުގައި އޮވެފައި ރަނގަޅުވެ ދިރިގެން ތެދުވަން ފެށުމުން އެތާ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ވަގުތުން ގެންދިޔައީ އެވެ. އަދި އެ ހޮސްޕިޓަލުގައި އޮތް އޭނާގެ ހާލުއިތުރަށް ރަނގަޅުވާން ފެށި އެވެ. އަދިވެސް ސްރީކޭޝް ރަނގަޅަށް ހެޔެއް ނާރަ އެވެ. ނަމަވެސް ޑޮކްޓަރުން މިހާރު ބުނަނީ ސްރީކޭޝްގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި މަޑުމަޑުން ހޭ އަރާނެ ކަމަށެވެ.