އިލެކްޝަންސް ކޮމިޝަން

އަންނަ އަހަރުން ފެށިގެން އިންތިހާބުތަކުގައި އީ-ވޯޓިން ބޭނުން ކުރަނީ

  • ފުރަތަމަ އީވޯޓީން ކައުންސިލް އިންތިހާބުގައި
  • އޭގެ ކުރިން ހޭލުންތެރި ކުރާނެ
  • ހަރަދު ކުޑަވެ ސައްހަކަން ބޮޑުވާނެ

އަންނަ އަހަރު ބާއްވާ އިންތިހާބުތަކުން ފެށިގެން ކޮމްޕިއުޓާ ބޭނުންކޮށްގެން ވޯޓް ލެވޭ ނިޒާމް، އީވޯޓިން ތައާރަފްކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީ-ވޯޓިން ތައާރަފްކުރަން ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މާހައުލާއި ގުޅޭ، އާންމުންނަށް ބޭނުން ކުރަން ފަސޭހަ އަދި އިތުބާރު ބޮޑު އީވޯޓިންގެ ނިޒާމެއް ތައާރަފްކުރުމަށް ތަޖުރިބާކާރުންނާ މަޝްވަރާކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އީ-ވޯޓިން އަކީ އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުންކޮށްގެން ވޯޓު ލުމަށް ކިޔާ ނަމެކެވެ. އީ-ވޯޓިން ތައާރަފްކޮށްފައިވާ ބައެއް ގައުމުތަކުގައި އައިޑީކާޑު ފަދަ ސަރުކާރުން ގަބޫލު ކުރާ ސައްހަ ލިޔުމެއް ބޭނުންކޮށްގެން ވަކި ހާއްސަ މެޝިނަކުން ވޯޓްލަ އެވެ. އަދި އަނެއް ބައެއް ގައުމުތަކުގައި އިންޓަނެޓްގެ ޒަރީއާއިން އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށްވެސް ވޯޓުލާ އުޅެ އެވެ.

އަކްރަމް ވިދާޅުވީ، އީ-ވޯޓު ރާއްޖެއަށް ތައާރަފްކުރަން ނިންމާފައިވީ ނަމަވެސް ރާއްޖޭގައި ވޯޓުލާނެ ނިޒާމް އަދި ފައިނަލް ނުވާތީ އެކަމުގެ ތަފްސީލެއް ނުދެވޭނެ އެވެ. އެހެން ނަމަވެސް އީ-ވޯޓިންއާ އީ-ވޯޓް ލައި އުޅޭ ގައުމުތަކުގައި އެކަން ކޮށް އުޅޭ ގޮތްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިލެކްޝަނުން މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ޕްރޮގްރާމް ވަރަށް ފުޅާކޮށް ކުރިއަށްގެންދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އީ-ވޯޓް ސިސްޓަމެއްގެ އެންމެ ބޮޑު އެއް ފައިދާއަކީ ވޯޓް ގުނުމާއި، ޑޭޓާ ކަލެކްޓް ކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ ހަރަދު ކުޑަވުމެވެ. އަކްރަމް ވިދާޅުވީ މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމުން ވޯޓު ގުނުމުގައ ދެފުށް ފެންނަ ނިޒާމެއް ގާއިމްވާނެ އެވެ. އަދި އޭގެ ސަބަބުން އެތައް ހަރަދެއް ސަލާމަތްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.