ފޮރިން އިންވެސްޓްމެންޓް

ރިސޯޓް ހަދާ ރަށްތަކުގެ އަގު ދަށްކުރަނީ ޑިމާންޑް ދެރަކަމުން

Nov 22, 2021
1

އަލަށް ރިސޯޓު ހަދަން ނެރޭ ރަށްތަކުގެ އަގު -- އެކުއެޒިޝަން ފީ -- ދަށް ކުރަނީ ޑިމާންޑް ދަށްވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން މި އަހަރު ރިސޯޓު ހަދަން 16 ރަށެއް ނެރެ އެ ރަށްތަކުގެ އަގު ދަށް ކުރި އެވެ. އެ ފަހަރު ޓޫރިޒަމް މިނިސްޓްރީން ބުނީ އަގު ދަށްކުރީ އިންވެސްޓަރުންނަށް އިތުރު ފުރުސަތާއެކު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެ ދާއިރާގެ މާހިރުން ވިދާޅުވަމުން ދިޔައީ ކޮވިޑުގެ ހާލަތުގައި ރަށެއް ނެރުމަކީ އެހާ ރަނގަޅު ކަމެއް ނޫން
ކަމަށާއި ރަށްތައް އިސްތިހާރު ނުކޮށް ނެރެން ހެޔޮ ނުވާނެ ކަމެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން 12 ރަށެއް މާކެޓަށް އަންނަ އަހަރު ވެސް މާކެޓަށް ނެރެން ނިންމާފައިވާއިރު، މި ރަށްތައް ނެރޭނީ އާއްމުކޮށް ރަށް ނެރޭ އަގު ތަކަށްވުރެ ދަށް އަގެއްގަ އެވެ. އަދި ނެރޭ ގިނަ ރަށްތަކަކީ އިންވެސްޓް ކުރަން ޑިމާންޑް ދަށްކަމަށް ފެންނަ ރަށްތަކަށްވާތީ އެކުއެޒިޝަން ފީގެ ކުރީގެ ރޭޓްތަކާ އަޅާ ބަލާއިރު ދަށްވާނެ ކަމަށެވެ.

އަންނަ އަހަރު ނެރޭ ކޮންމެ ރަށެއްގެ އެކުއެޒިޝަން ކޮސްޓް އުޅެނީ 700،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ރިސޯޓު ހަދަން ނެރޭ ރަށްތަކުން 148 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ. މި އަހަރު ވެސް ސަރުކާރުން 10 ރަށެއް މާކެޓަށް ނެރެ ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައެޅި އެވެ. ނަމަވެސް މިހާތަނަށް ހަވާލު ކުރެވިފައިވަނީ އެންމެ ރަށެކެވެ. އެރަށް އެވޯޑް ކޮށްފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒު ގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.