ރިސޯޓް

އަމާޒު 15، މިދިޔަ އަހަރު ހުޅުވުނީ ހަތް ރިސޯޓް

މިދިޔަ އަހަރު 15 ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރު ނިމުނުއިރު ހުޅުވިފައިވަނީ ހަތް ރިސޯޓެވެ.

ޓޫރިޒަމް މިނިސްޓްރީން އަވަސް އަށް ހިއްސާ ކުރި ތަފާސް ހިސާބުތަކެއްގައިވާ ގޮތުން މިއަހަރު ނިމުނުއިރު ހަތް ރިސޯޓެއް ހުޅުވައި ޓޫރިޒަމް ސިނާއަތަށް އަލަށް 1،780 އެނދު ވަނީ ނެރެފަ އެވެ.

މިދިޔަ އަހަރު ހަތް ރިސޯޓެއް ހުޅުވިއިރު 10 ރިސޯޓެއް މާކެޓަށް ނެރެން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް އިންވެސްޓްމަންޓެއް ކާމިޔާބު ނުވެ ފެއިލްވީ އެވެ. އަހަރު ނިމުނުއިރު ހަވާލު ކުރެވުނީ އެންމެ ރަށެކެވެ. ދެ ބުރެއްގެ މަތިން ރިސޯޓް ހަދަން ރަށްތައް މާކެޓަށް ނެރުނެވެ. އަދި އެންމެ ފަހުން ދުބާއީގައި މިހާރު ކުރިއަށްދާ ފެއާއެއްގައި 18 ރިސޯޓެއް ވަނީ މާކެޓަށް ނެރެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ގައި ހުޅުވާފައިވަނީ ފަސް ޕްރޮޕަޓީ އެވެ. ރާއްޖޭގައި މިހާރު ނުހެދި 85 ރިސޯޓެއް އެބައޮތެވެ. ސަރުކާރުން ވަނީ މި ރިސޯޓުތައް ހަދަން ފުރުސަތު ދިނުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބޮޑު އިސްލާހެއް ގެނެސްފަ އެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރެވޭނެ ގޮތް ހަދާފަ އެވެ. އަދި އެކަމަށް ބައެއް ރަށްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.