މަސްވެރިންގެ ދުވަސް

މަސްވެރިކަމުގެ ފުރުސަތުތައް ބުނެދީފި

Nov 22, 2021

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ހިމެނޭ ކެރިއާ ގައިޑެންސް ޕްރޮގްރާމުގައި މާލޭގެ ސާނަވީ ސްކޫލުތަކަށް ނިސްބަތްވާ 330 ދަރިވަރުން ބައިވެރިވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމު ކޮށްގެން "ލޯންޗް ޔުއާ ކެރިއާ އެޓް ފިޝަރީޒް އެންޑް މެރިން ރިސޯސަސް"ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މާލޭގެ ސާނަވީ ސްކޫލުތަކުގެ ތެރެއިން 11 ސްކޫލަކުން ބައިވެރިވި އެވެ.

ގުރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަސްވެރިކަމުގެ ދާއިރާއިން މަތީތައުލީމު އުނގެނުމަށް ހުރި ފުރުސަތުތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.

މި ޕްރޮގްރާމުގައި މިފްކޯ އަދި އެންސިސް ފިޝަރީޒްގެ ފަރާތުން އެ ކުންފުނިތަކުގައި ހުރި އިންޓާންޝިޕްގެ ފުރުސަތުތައް ދަރިވަރުންނަށް ބުނެދީފަ އެވެ. މީގެ އިތުރުން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މަތީތައުލީމު އުގެނުމުގެ ފުރުސަތުތައްވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައިދީގެން ކުރިއަށް ގެންދާ ކަމަށް ބުނެދީފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ދާއިރާއާއިމެދު ދަރިވަރުން ދެކޭގޮތް ބަދަލުކުރުމާއި މަސްވެރިކަމުގެ ދާއިރާ އަކީ ވެސް ކިޔެވުން ނިންމާލުމަށްފަހު ކުރިއަށް ދިއުމަށް ފަހި ފުރުސަތުތަކެއް ހުރި ދާއިރާއެއްކަން އަންގާދިނުން ކަމަށެވެ.

މިޕޮރޮގްރާމްގައި ދަރިވަރުންނަށް މައޫލޫމާތު ދީފައިވަނީ އެންސިސް ފިޝަރީޒް އަދި މިފްކޯގެ ކަމާ ގުޅޭ ބޭފުޅުންނެވެ. މިފްރޮގްރާމްގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓްގެ ފާރާތުން ވެސް މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.