ރިޕޯޓް

ގަންނަން އަގު ދޫކޮށްލާ، އޭރުން ފައިސާ ދެވޭނެ

ދުނިޔޭގެ ބާޒާރުގައި 800 ޑޮލަރަށް މަސް ޓަނެއް ހުއްޓަސް ދިވެވި ސަރުކާރުން މަސް ގަންނަނީ ކިލޯއެއް 20ރ. އަށެވެ. އަދި މަސް ޓަނެއް 1،800 ޑޮލަރަށް މަތި ވިއަސް މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަލެއް ނުގެނެ އެވެ. މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ތެލުގެ އަގަށް އަންނަ ބަދަލު ގޮތަށް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަވަސް ބަދަލު އާދެ އެވެ. މި ބަދަލާ އެއްގޮތަށް ރާއްޖޭގައި މަސް ގަންނަ އަގު ދޫކޮށް ނުލަނީ ކީއް ވެގެން ހެއްޔެވެ؟ އެއިން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މިގޮތަށް ދޫކޮށްލާފައިވާ ކުންފުނިތަކުގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟

"އަޅުގަނޑުމެން ކުންފުނީގެ އަމިއްލަ ތަޖުރިބާ އިން ބުނެވޭނީ މާކެޓް ރޭޓަށް މަސް ގަންނަން ފެށުމަކީ މަސްވެރިންނަށް މާ ފައިދާ ބޮޑުވާނެ ކަމެއް ކަމަށް. މީގެ ހަގީގީ ފައިދާ ލިބެނީ މަސްވެރިންނަށް. އަޅުގަނޑުމެންގެ ކަސްޓަމަރުން [މަސްވެރިން] ނަށް ބަރާބަކަށް ފައިސާ ދެވޭ،" ރާއްޖޭގެ މަސްވެރިކަމުގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ އަމިއްލަ ކުންފުންޏެއްގެ އިސްވެރިއަކު ނަން ނުޖެހުމަށް ޝަތުރުކޮށް އަވަސް އަށް ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި ފިނިކުރި ކަޅުބިލަ މަހުގެ އަގު ކޮންޓްރޯލް ކުރަނީ ތައިލެންޑުންނެވެ. ތައިލެންޑް ބާޒާރަކީ ދުނިޔޭގެ ތެލުގެ މާކެޓަށް ބާރު ފޯރުވާ "އޯޕެކް" އެއްކޭ ގޮތަށް ފިނިކުރި މަހުގެ ބާޒާރުގެ "ކިންގް" އެވެ. އަގު ހެޔޮ ލޭބަރުންނާއި މިނޫން ވެސް ސަބަބުތަކާ ހެދި އެ ގައުމުގައި މަސް ޕްރޮސެސް ކުރާ ވަރަށް މަސް ޕްރޮސެސް ކޮށްލެވޭ ދެވަނަ ގައުމެއް ދުނިޔެއަކު ނެތެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މިހާރު ހުރި ގޮތަށް ބަލާއިރު މަސް ޓަނެއްގެ އެވްރެޖު އަގަކީ ގާތްގަނޑަކަށް 1،400 ޑޮލަރެވެ. މި އަގުގައި ގަންނަނަމަ ރާއްޖޭގައި މަސް ކިލޯއެއް ގަންނަން ޖެހޭނީ 16ރ. އަށެވެ.

މަސްވެރިންގެ ޝަކުވާއަށް ނިމުން ގެނެވިދާނެ

މަސްވެރިންގެ އަބަދުގެ ޝަކުވާއަކީ ބާނާ މަހަށް ފައިސާ ނުދެވުމެވެ. މިކަން ދިމާވާ އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އިންތިހާ އަށް ދަށް ނަމަވެސް ސަރުކާރުން މަސް ގަންނަ އަގު 20ރ. ގައި ހިފަހްޓައިގެން ގަދަ ދައްކާފަ ތިބުމެވެ. މި އަގު ދަށް ނުކޮށް ތިބުމުގެ ނަތީޖާއަކީ މިފްކޯއަށް ގެއްލުންވުމެވެ. އެކްސްޕޯޓް ކުރާ ކޮންމެ މަސް ޓަކަކުން މިހާރުގެ ދުނިޔޭގެ ބާޒާރުގައި އަގު ހުރި ގޮތަށް ބެލި ނަމަވެސް 300 އާއި 400 ޑޮލަރުގެ ގެއްލުމެއް މިފްކޯއަށްވެ އެވެ.

ނަތީޖާ އަކަށް ވަނީ އަބަދު ސަރުކާރަށް ސަލާން ޖަހަން ޖެހުމެވެ. އެކަމަކު މިހާރުގެ ހާލަތަކީ ޓޫރިޒަމް ނެތުމުން ދައުލަތުގެ މާލިއްޔަތު ވެސް އަޑި އަޅާލާފައިވުމެވެ. އެހެންވެ ސަރުކާރަށް މިހާރުގެ ގޮތަށް ކޮންމެ މަހަކު އެތަށް މިލިއަން ރުފިޔާއަށް ދެވޭނީ ކިހާ ދުވަހަކު ތޯ މިއީ ސުލާލެކެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު މިފްކޯގެ ދަރަނި 300 މިލިއަނުން މަތިވެގެން ދިއުމުގެ އެއް ސަބަބަކީ ވެސް އަގު ދަށް ނުކޮށް މަސް ގަތުމެވެ. އެހެންވެ މިއީ އަގު ދަށްކޮށްގެން ނަމަވެސް މިފްކޯ ސަލާމަތް ކުރަން ޖެހޭ ވަގުތު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ސަރުކާރު ކުންފުންޏަކަށްވުމުން މަސް ގަންނަ އެހެން ކުންފުނިތަކާ ތަފާތު ޒިންމާތަކެއް އޮވެ އެވެ. މި ވަގުތު މަސް ގަންނަ ރޭޓް ދޫކޮށްލައިފިނަމަ އެންމެ ބޮޑު ފައިދާއެއް ލިބޭނީ މަސްވެރިންނަށެވެ.

"އޭރުން މިހާރު ދިމާވާ ބަރާބަރަށް މަސްވެރިންނަށް ފައިސާ ނުދެވުމުގެ މައްސަލަ އަށް ހައްލު ވެގެން ދާނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ބަދަލު ގެނައުން ހަމަ އެންމެ ރަނގަޅު،" އިސްމާއިލް ވިދާޅުވި އެވެ.

މާކެޓް ރޭޓުގައި މަސް ގަންނަން ފަށައިފިނަމަ މަސް ގަނެގެން ގެއްލުންނުވެ މަސް ޕްރޮސެސް ކުރަން ފުރުސަތު ލިބޭނެ އެވެ. މީގެން މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ކޮންމެ ދުވަހަކު ކިރާ މަހަށް ބަރާބަރަށް ފައިސާކޮޅު ލިބުމެވެ. ފައިސާކޮޅު ލިބޭނެ ދުވަހަކަށް ކޮންމެހެން އިންތިޒާރު ކޮށްގެން ތިބޭކަށް ނުޖެހުމެވެ.

ނަމަވެސް މި ބަދަލު ނުގެންނާތީ އޮޑިވެރިޔާ އަށް ބޮޑު ގެއްލުއްވެ އެވެ. ބާނާ މަހަށް ފައިސާ ލިބެނީ މަސް ދުވަސް ފަހުންނެވެ. އެހެންވުމުން އޮޑިވެރިޔާގެ ޖީބުން ހަރަދު ކުރަން ޖެހެ އެވެ. މިކަންވަނީ ލޯނު ނަގައިގެން ބޮޑެތި އޮޑި ފަހަރު ބަނދެގެން ތިބި އޮޑިވެރިންނަށް މާލީ ގޮތުން ކުރިމަތިވާ "ކްރައިސިސް" އަކަށެވެ. ނަމަވެސް މާކެޓް ރޭޓުގައި މަސް ގަންނަން ފަށައިފިނަމަ އަވަހަށް ފައިސާ ދޭން ކުންފުންޏަށް ފަސޭހަ ވެގެންދާނެ އެވެ.

"އެންމެ ބޮޑު ދައްޗަކީ ފައިސާ ނުލިބުން. އަބަދު ވެސް މިކަން އޮންނަނީ މިގޮތަށް. މި ނޫން ގޮތެއް ބޭނުންވަނީ. އަގު ދަށްކޮށްގެން ނަމަވެސް ފައިސާ ލިބޭނެ ގޮތެއް ވެއްޖެނަމަ ރަނގަޅު،" އުތުރުގެ ރަށެއްގެ އޮޑިވެރިއަކު ނަން ނުޖެހުމަށް ޝަތުރުކޮށް ބުންޏެވެ.

އެންމެ ބޮޑު ދައްޗަކީ ފައިސާ ނުލިބުން. އަބަދު ވެސް މިކަން އޮންނަނީ މިގޮތަށް. މި ނޫން ގޮތެއް ބޭނުންވަނީ. އަގު ދަށްކޮށްގެން ވިއަސް ފައިސާ ލިބޭނެ ގޮތެއް ވެއްޖެނަމަ ރަނގަޅު
ޒުވާން މަސްވެރިއެއް

ބާނާ މަހަށް ފައިސާ ނުލިބި ދިގު ދެމިގެންދާނަމަ މަސްވެރި އާއިލާތަނަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެ އެވެ. ނަމަވެސް މާކެޓް ރޭޓަށް ދޫކޮށްލައިގެން އަގު ދޭ ކުންފުންޏަށް މަސް ކިރުވާ އޮޑި ފަހަރުން ބަރާބަރަށް ކޮންމެ މަހަށް ފުރަ އެވެ. އެހެންވެ މި ހާލަތަކީ މި ބަދަލު ގެންނަން ޖެހޭ އެންމެ ރަނގަޅު ވަގުތު ކަމަށް ބުނެވިދާނެ އެވެ.

"ކޮވިޑުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ގިނަ ބައެއްގެ އާމްދަނީ ދަށް. އެހެންވީމަ މިހާރު ފައިސާ ލިބޭނެ ގޮތެއް ބޭނުން ވަނީ. މަހަށް ގޮސްފަ ފައިސާ ނުލިބި މަސް ދުވަސް ހުންނަން ޖެހުމަކީ ބޮޑު ވޭނެއް. މިކަމަށް ހައްލު ބޭނުން ވަނީ،" ޒުވާން މަސްވެރިއަކު ބުންޏެވެ.

އަގު ދަށްކޮށް ވެސް، ފައިސާ ދޭންޖެހޭ ވަގުތު

މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު ކުރަން ޖެހޭ އެއް ކަމަކީ މަސްވެރިންނަށް ފައިސާ ދެވޭނެ ހަރުދަނާ އުސޫލެއް ގާއިމް ކުރުމެވެ. ބަރާބަރަށް ފައިސާ ދެވޭނެ ގޮތަކީ ކޮބައި ތޯ ހޯދައި އެގޮތަކަށް ކުރުމެވެ. މިފްކޯ އިން މިހާރު އެދަނީ މަސްވެރިޔާގެ އެކައުންޓް ހަދައި ފައިސާ ޓްރާންސްފާ ކުރަމުންނެވެ. މި ނިޒާމު އެވަނީ ގާތްގަނޑަކަށް ގާއިމްވެފަ އެވެ. މިހާރު ގެންނަން ޖެހޭ ބަދަލަކީ މަހުގެ އަގު ދަށްކޮށްގެން ނަމަވެސް ފައިސާ ދެވޭނެ ގޮތެއް ހޯދުމެވެ.

ރާއްޖޭގެ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 17،000 މީހުން މަސައްކަތް ކުރެ އެވެ. މިއީ ޓޫރިޒަމް ސިނާއަތުގައި ވެސް ގާތްގަނޑަކަށް މަސައްކަތް ކުރާ ދިވެހިންގެ އަދަދެވެ. ޓޫރިޒަމް ހުއްޓި ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާތީ މިހާރު ވަޒީފާ ގެއްލުމުނު ގިނަ ބަޔަކު ތިބީ އެކި ރަށްރަށުގަ އެވެ. އެހެންވެ އެ މީހުންގެ ޒިންމާ ވެސް އޮތީ މަސްވެރިންގެ ބޮލުގައި އެޅިފައޭ ބުނެވިދާނެ އެވެ.

އެހެން ކުންފުނިތަކުގެ ތަޖުރިބާ ފޮނި

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް އެކަނި ބަލައިލާނަމަ އެވްރެޖު ގޮތެއްގައި ކަޅު ބިލަމަހަށް މަސްވެރިންނަށް އަހަރަކު 800 މިލިއަން ރުފިޔާވަރު ދޫކުރެ އެވެ.

ކަޅު ބިލަ މަހުގެ މަސްވެރިކަމަށް ބަލާނަމަ މަސްވެރިކަން އެންމެ ދަށް ދުވަސްވަރު ވެސް، އެއް ޓަނާއި 15 ޓަނާ ދެމެދުގެ އަދަދަކަށް ދޯންޏަކުން ބާނަ އެވެ. ނުވަތަ ދުވާލު ހަ ޓަނު ވަރު ބާނެ އެވެ. އެވްރެޖު ގޮތެއްގައި 20 ނޫނީ 25 މީހުން އުޅޭ ދޯންޏެއްގެ ފަޅުވެރި އަކަށް ހަފުތާއަކު 3،000ރ. އާއި 15،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބެ އެވެ.

ރާއްޖޭގައި އަހަރުގެ މެދުތެރޭގައި އަންނަ މަސްވެރިކަން ރަނގަޅު ދުވަސްވަރު ދޯންޏަކުން އެވްރެޖު ގޮތެއްގައި 15 ޓަނާއި 18 ޓަނުގެ މަސް ބާނަ އެވެ. އަދި މަސްވެރިކަން އެންމެ ރަނގަޅު ދުވަސް ދުވަހު 20 ޓަނު ވެސް ބާނަ އެވެ. މަސްވެރިކަން އެންމެ ރަނގަޅު ދުވަސް ދުވަހު ދުވަސްވަރު ހަފުތާއަކު ގާތްގަނޑަކަށް 20،000ރ. ވަރު ލިބެ އެވެ. މިއީ އެވްރެޖު ގޮތެއްގައި މަސް ދުވަހަކަށް ބަލާނަމަ 80،000ރ. ގެ އާމްދަނީ އެކެވެ. މިއީ މިނިމަމް ވޭޖު، ނުވަތަ އަސާސީ މުސާރަ އަށް ކަނޑައަޅަން ނިންމާފައިވާ އަދަދަށް ވުރެ ވެސް މާމަތީ އަދަދެކެވެ. އަދި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އެވްރެޖު ގޮތެއްގައި ލިބޭ މުސާރަ އަށް އެކަނި ބަލާނަމަ ވެސް ބޮޑު އަދަދެކެވެ.

މިހާރު ދުނިޔޭގައި މަހުގެ އަގު ހުރި ގޮތަށް ބަލާނަމަ ގެއްލުން ނުވެ 16ރ. އަށް މަސް ގަނެވިދާނެ އެވެ. މި އަގުގައި މަސް ގަންނެގެން ހައެއްކަ ޓަނު ބާނާ ދޯންޏަކަށް ވެސް ނުވަ މިލިއަން ރުފިޔާ ދެވޭނެ އެވެ. މި އަދަދަށް ފައިސާ ލިބޭއިރު ކޮންމެ ދުވަހަކު ބަރާބަރަށް ފައިސާ ލިބޭނެ ގޮތެއް ވެއްޖެނަމަ މަސްވެރިން ތިބޭނީ އުފަލުގަ އެވެ.

ހަމަ އަގު ދެވޭނީ ވެލިއުއެޑް ކޮށްގެން

ރައީސް ޔާމީން ވެރިކަމަށް އައިއިރު ކުރި ކެމްޕޭންތަކުގައި ޖެހުނު މަޅިއަކީ "ބެޔަސް ނުބެޔަސް" ލިބޭނެ ފައިސާއެއް ކެމްޕޭނެއްގައި ދެއްކުމެވެ، މި ސަރުކާރުން ވެރިކަމަށް އައިއިރު އެޅި ގަޅިއަކީ "ހަމައަގު ދޭނެ" ކަމަށް ބުނެ މޮޅު ވާހަކަ ދެއްކުމެވެ. ހަގީގީ ހަމަ އަގަކީ ކޮބައި ހެއްޔެވެ؟ ހަމަ އަގު ދެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟

ހަގީގީ ހަމަ އަގު ދެވޭނީ ރާއްޖޭގައި ބާނާ މަސް މި ގައުމުގައި ވެލިއުއެޑް ކުރެވިގެންނެވެ. ތައިލޭންޑު ބާޒާރަށް ބާރު ނުފޯރުވޭނެ ގޮތަށް ދަޅުގައި މަސް ބަންދުކޮށް ނުނީ އެހެން ގޮތަކުން ނަމަވެސް މަހުން އިތުރު އުފެއްދުތައް ތައްޔާރު ކޮށްގެންނެވެ. އެކަން ކުރަން މިފްކޯ އިން ދަނީ ތައްޔާރު ވަމުންނެވެ.

އެ ކުންފުނިން ދަނީ ފެލިވަރާއި ކޫއްޑޫގައި 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ތައްޔާރު ވަމުންނެވެ. ބޭނުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި ވެލިއުއެޑް ކުރެވޭނެ ކެޕޭސިޓީ ހޯދުމެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް އަދި ކޫއްޑޫގައި 11.7 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާނެ އެވެ.

"ފެލިވަރާއި ކޫއްޑޫގައި މަޝްރޫއުތައް ފަށަން ފައިނޭންސް ވެސް ހަމަޖެހި ފައިވަނީ. މިކަން ވެގެންދާނެ މަސްވެރިންނަށް ވެސް ލިބިގެންދާނެ ބޮޑު ލުޔަކަށް،" މިފްކޯގެ އެމްޑީ، އިސްމާއިލް ވިދާޅުވި އެވެ.

މިއީ "ހަމަ އަގު ދިނުން" ނޫނީ "ބެޔަސް ނުބެޔަސް" ފައިސާ ދޭން ޖެހޭ ވަގުތެއް ނޫނެވެ. މިހާރު ކުރަން ޖެހެނީ އެންމެ ކަމެކެވެ. އެއީ މަސްވެރިން ކިރުވާ މަހަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމެވެ. މި ބަދަލު ގެނެވޭނެ އެއް ގޮތަކީ މާކެޓް ރޭޓަށް ރާއްޖޭގައި މަސް ގަންނަ އަގު ދޫކޮށްލުމެވެ. އެކަން ކުރުމަކީ ފަހަރުގައި ސަރުކާރަށް ސިޔާސީ ގޮތުން "ހިތި ބޭހަކަށް" ވެސް ވެދާނެ އެވެ. ޕްރެޝަރު ބޮޑު ވެދާނެ އެވެ. އެކަމަކު މިހާރު އެނޫން ޗޮއިސްއެއް ނެތެވެ. މަސްވެރިން ވެސް މަސްވެރިކަމުގެ އިގްތިސޯދީ އަހުލާގު ދަސް ކުރަން ޖެހެ އެވެ. ބަލައިގަންނަން ޖެހޭ ހަގީގަކީ މި ބަދަލު ގެންނަން ޖެހޭ ވަގުތަކީ މިއީ ކަމެވެ. މިހާރު މި ނޫން ޗޮއިސްއެއް ނެތެވެ.