ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެ ސިއްހީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓަރީ ހުޅުވައި ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކުރިޔަށް އޮތްތާނގައި ނޮޅިވަރަންފަރުގެ ލެބޯޓަރީގެ ހިދުމަތް ފުޅާކުރަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ ނޮޅިވަރަންފަރުގައި ލެބޯޓަރީގެ ހިދުމަތް ފެށުމުން ލުއިވެގެން ދާނެ ކަމަށާއި ހިދުމަތް ހޯދަން ދަތުރު ކުރުމުގައި ކުރިމަތިވާ ތަކުލީފު ތަކަށް ވެސް ލުއި ލިބޭނެ ކަމަށެވެ.
ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ހުޅުވި ލެބޯޓްރީން 57 ޓެސްޓެއް ހެދެ އެވެ. އެއީ ލޭގެ 11 ޓެސްޓަކާއި ހަކުރު ބަލީގެ ތިން ޓެސްޓަކާއި ކިޑްނީގެ ތަހުލީލުގެ ހަތަރު ޓެސްޓަކާއި ޗިސްމޭ ތަހުލީލުގެ ހަ ޓެސްޓަކާއި ހިތުގެ ތަހުލީލުގެ ހަތަރު ޓެސްޓަކާއި، ކަށީގެ ތަހުލީލުގެ ޓެސްޓަކާއި އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަހުލީލުގެ ހަތަރު ޓެސްޓެއްގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތަހުލީލުގެ 11 ޓެސްޓެކެވެ.
މީގެ އިތުރުން ބޮޑުކަމުދާ ތަކެތީގެ ތަހުލީލުގެ ތިން ޓެސްޓަކާއި ދިފާއީ ނިޒާމުގެ ލޭގައި ހިމެނޭ ސިރަމްގެ އަށް ޓެސްޓަކާއި ޕްރެގްނެންސީއާ ގުޅޭ ދެ ޓެސްޓް ވެސް ހެދެ އެވެ.