ސުޕްރީމް ކޯޓް

ވަކީލުން ގަޑިޖެހުމުން 250 ރުފިޔާއިން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

Nov 22, 2021
1

ޕީޖީ އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓުގެ ޝަރީއަތަށް ގަޑިޖެހިގެން ހާޒިރުވުމުން 250 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ޕީޖީ އޮފީހުގެ ވަކީލުން ގަޑިޖެހުނީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށެވެ.

ޝަރީއަތް ފެށުމަށް ހަމަޖައްސާފައި އޮތީ ހެނދުނު 9:00 ޖަހާއިރު އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ޕީޖީ އޮފީހުގެ ވަކީލުންނަށް ހާޒިރުވެވުނީ އޭގެ 11 މިނެޓް ފަހުންނެވެ.

މިއަދުގެ އަޑުއެހުން ފެށުމަށްފަހު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކޯޓުން ފޮނުވާ ޗިޓެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައިވާނަމަ އެއީ ކޯޓު އަމުރެއް ކަމަށް ދެކި އެގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރަންޖެހޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ގަޑިޖެހިފައިވާތީ އެކަން ތަކުރާރުނުކުރަން އިލްތިމާސް ކުރައްވަމުން ފަނޑިޔާރު ސުއޫދު ވަނީ ޕީޖީގެ ވަކީލުން 250 ރުފިޔާ އިން ޖޫރިމަނާކުރައްވާފަ އެވެ.

""ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް އެނގޭތޯ. އެހެންވީމާ ގަޑިއަށް ސަމާލުކަން ދެއްވުން އެދެން" ފަނޑިޔާރު ވިދާޅުވި އެެވެ.

ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރި ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ފަނޑިޔާރު ސުއޫދު ވަނީ އަންގަވާފަ އެވެ. އެންގެވި މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ޕީޖީ އޮފީހުގެ ވަކީލުންނަށް ޝަރީއަތްތަކުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް އެންގެވި އެވެ. އެކަމަކު މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވެވި އެވެ.

މީގެ 12 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި ޝީރީން މަރުގެ މައްސަލާގައި ތުހުމަތުކުރެވިގެން ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވަނީ މ. ކުރަހާގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޝީރީނާއި ނަޖާހު އުޅުމުގެ ތެރޭގައި ޝީރީނަށް ހަމަލާދީ ނަޖާހު އޭނާ މަރާލާފައިވާ ކަމަށެވެ.

މި މައްސަލާގައި ހަތަރު އަހަރު ދުވަހުގެ ޝަރީއަތަކަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. ހައިކޯޓަށް ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ނަޖާހުގެ މައްޗަށް ކުރި ނަމަވެސް ސީދާ އެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ނުނިންމަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ "ގަސްދުމަރާ ވައްތަރު މަރު" ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ. ހައިކޯޓުގެ ހުކުމް ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.