މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވަގަށް އެތެރެކުރި މުދާތަކެއް އަތުލައި ތަހުގީގު ފަށައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ޑިކްލެއާ ނުކޮށް، ވަގަށް އެތެރެކުރަން އުޅުނު މުދާތަކެއް ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ވަގަށް މުދާތައް އެތެރެ ކުރަން އުޅުނު މައްސަލަ ފަޅާ އެރީ މާލޭ ބަނދަރުގައި އޮތް ދެ ބޯޓެއް މިދިޔަ ނޮވެމްބަރު މަހުގެ ތެތޭގައި ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ އޮޕަރޭޝަންގައި ބޯޓުގެ ފަޅުވެރިން ގެނައި ތަކެތީގެ ތެރޭގައި "ކުރޫ ޑިކްލަރޭޝަން" ގެ ގޮތުގައި ކަސްޓަމްސްއަށް ހުށަހަޅާފައިވާ އަދަދަށްވުރެ އިތުރަށް މުދަލާއި އަދި ޑިކްލަރޭޝަންގައި ހިމެނިފައިނުވާ ބައެއް މުދާތައް ކަސްޓަމްސްގެ އޮފިސަރުންނަށް ވަނީ ފެނިފަ އެވެ.

ކްރޫއިންގެ ޑިކްލަރޭޝަންގައި ހިމަނާފައިހުރި މުދަލުގެ އިތުރަށް 11 ބަސްތާ ފިޔާ އަދި އަށް ގަނޑު ދޮންކެޔޮ ފެނިފައިވާއިރު ޑިކްލަރޭޝަންގައި ނުހިމަނައިހުރި މުދަލުގެ ގޮތުގައި ޕެސްޓް ކޮންޓްރޯލް ކެމިކަލް، ފުޑް ކަލާ، ގޮދަޑި، ސޯފާ، ބައިސްކަލް، ސައިކަލް ސްޕެއާޕާޓްސް، ގަސްއިންދާ ޕޮޓް، ހިލަވެލި ފަދަ ތަކެތިވެސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ކްރޫ ޑިކްލަރޭޝަންގައި ހިމެނިފައިވީ ނަމަވެސް އުޅަނދުން ނުބާލާހުރި އެކި ސައިޒްގެ 20 ގޮދަޑިވެސް ބޯޓްގައި ހުރިކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ ތަކެތި ވެސް ކަސްޓަމްސް އަށް ޑިކްލެއާކުރަންޖެހޭ ތަކެތިކަން ހަނދާން ކޮށްދީ އެކަމަސް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ކަސްޓަމްސް އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ. މިބޯޓްތަކުން މިތަކެތި ފެނިފައިވާ މައްސަލަ ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސެކިއުޝަން ސެކްޝަނުން މިހާރު ގެންދަނީ އިތުރަށް ތަޙްގީގުކުރަމުންނެވެ.