ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ތިން ބޯޓަކުން ޖޫރިމަނާ ނުދައްކާތީ ދައުވާކުރަން އެދިއްޖެ

Nov 22, 2021

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ލަންކާގެ މަސް ބޯޓުތަކެއް ޖޫރިމަނާކޮށް ފައިސާ ދައްކަން އެންގި މުއްދަތުގައި ފައިސާ ނުދެއްކި ތިން ބޯޓަކަށް ދައުވާކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ބަންޑާރަނައިބް އޮފީހަށް ހުށަހަޅައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ ދައުވާކޮށްދިނުމަށް އެދުނީ "ޕުޝްޕާ ކުމަރާ" އާއި، "ނެގަންބޯ މެރައިން"ގެ އިތުރުން "މަނޯޖު ބޯޓް" އަށެވެ.

އާދަމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބޯޓުތައް ޖޫރިމަނާކުރަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޖޫރިމަނާ ކުރި ބޯޓުތަކުގެ ތެރެއިން ބައެއް ބޯޓުތައް ސަރުކާރަށް ފައިސާ ދެއްކުމަށްފަހު ފުރައިގެން ގޮސްފައިވާ ކަމަށާއި ދައުވާކޮށްދިނުމަށް އެދިފައިވަނީ ޖޫރިމަނާ ފައިސާ ނުދެއްކި ތިން ބޯޓަށް ކަމުގައިވެސް އާދަމް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ކޮންމެ ބޯޓެއް ވެސް ޖޫރިމަނާކުރަނީ ހަތަރު ލައްކަ ރުފިޔާ އިންނެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަންޖެހެ އެވެ.

މަސްވެރިކަމުގެ ގާނޫނު ބުނާ ގޮތުން ޖޫރިމަނާ ކުރާ ބޯޓެއް ފައިސާ ނުދައްކައިފިނަމަ ކޯޓު މެދުވެރިކޮށް އެ ބޯޓެއް ދައުލަތަށް ނެގިދާނެ އެވެ.

އާދަމް ވިދާޅުވީ ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަ ބައެއް އުޅަނދުތަކުގައި ތިބޭ މަސްވެރިންނަށް އެ މީހުން ނިސްބަތްވާ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެ މީހުންގެ ކުށް މައާފް ލިބޭނެ ކަމަށް ހީވެފައި އޮންނަ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކަހަލަ ފިޔަވަޅުތައް އަޅަން މަޖުބޫރު ވަނީ އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަ އުޅަނދުތައް ހިފެހެއްޓި ނަމަވެސް އެފަދަ އުޅަނދުތަކުގައި ތިބޭ ފަޅުވެރިން އެމީހުންގެ ގައުމަށް ދިއުމަށް ސަރުކާރުން ހުއްދަދެ އެވެ.