އެޓާނީ ޖެނެރަލް

ދޫނިތައް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް: އޭޖީ އޮފީސް

Feb 8, 2022
4

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް ކަމަށާއި ލަފާ ދީފައިވާނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކަމަށް ބަންޑާރަނައިބްގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަނައިބްގެ އޮފީހުން މިހެން ބުނެފައި މިވަނީ ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލީ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނުމާ ގުޅިގެން އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ބަންޑާރަނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން މިރޭ އަވަސް އަށް ވިދާޅުވީ ރާއްޖެ އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީ އަށް އޮތް ކަމަށާއި އެގޮތަށް އެ މިނިސްޓްރީން އަމަލު ކޮށްފައި ނުވާ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެކެވެ.

ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާ ނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ގަވައިދުގައި ފަހިކޮށްދީފައިވެ އެވެ. ދޫނިތައް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ހަރަދުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުން ކަމަށްވެސް ގަވާއިދުގައިވެ އެެވެ.

ހުސައިން ވިދާޅުވީ ބަންޑާރަނައިބްގެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޫބަަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައި ކަން އެނގޭ ކަމަށެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ހިލާފުވި ފަރާތްތަކާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިނިސްޓްރީން އަޅާފައި ނުވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ގަވައިދާ ހިލާފުވި ފަރާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނެތް ދޫނިތަކެއް އެ ލިސްޓަށް އިތުރުކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ގަވާއިދު އިސްލާހުކޮށް މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީން ބަންޑާރަނައިބް އޮފީހުގައި ލަފައަކަށް އެދުނު ކަމަށެވެ.

"އެކަމާ ގުޅޭގޮތުން މި އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކޮރަންޓީން ކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރަން ފެންނަ ވާހަކަ. އަދި މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ." ހުސައިން ވިދާޅުވި އެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕެޓްމާސްގެ މެނޭޖަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޕެޓްމާސް އިން ބުނާ ގޮތުގައި ނައްތާލި ދޫނި ތަކުގެ އަގު އަށްލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ. އެހެންވެ އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރުއީ ހުރިހާ މަރުހަލާ އަކަށްވެސް ދިއުމަށް ނިންމާފަ އެވެ.