ޑރ. ހުސައިން ރަޝީދު ހަސަން

ދޫނިތައް މަރާލުމުގައި އިހުމާލު އޮތް ނަމަ ފިޔަވަޅު އަޅާނަން: މިނިސްޓަރު

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލީ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނުމާ ގުޅިގެން އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ ދޫނި ތަކުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީއާއި ބަންޑާރަނައިބް އޮފީހާ ދެމެދު ލިޔުމުން މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ސާފު އެއްޗެއް ދަންނަވަން އެނގޭނީ ލިޔުމުން ބަދަލުކޮށްފައި ހުރި ލިޔުންތައް ބަލައި ދިރާސާކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މިނިސްޓްރީން އެއްޗެއް ބުނީމާ އޭޖީ އޮފީހުން ވެސް ކޮންމެވެސް އެއްޗެއް ދޫނިތަކުގެ މައްސަލައިގައި ބުނެފި. މިހުރިހާ މައުލޫމާތެއް އަޅުގަނޑަށް މި ފެންނަނީ މީޑިއާ އިން. އެހެންވީމާ ފިޝަރީޒް މިނިސްޓްރީއާ ހަވާލުވެ ހުރި ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު ބަލާނަން ލިޔުންތައް. ބަލާފައި އަޅުގަނޑަށް އެންމެ ރަނގަޅު އެއްޗެއް ދެންނެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ބަންޑާރަނައިބްގެ އޮފީހަށް ފޮނުވާފައި ހުރި ލިޔުންތަކާއި ދޫނިތައް މަރާލުމުގެ އަމަލުކުރި ގޮތް މިއަދު އެމަނިކުފާނު ބައްލަވާނެ ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ނަމަ ވަކި މުވައްޒަފެއް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމުގައި ވިދާޅުވި އެވެ. އެކަމުގައި އެމަނިކުފާނުގެ އިހްމާލެއް މައްސަލައެއް އޮތް ނަމަ ކަމާ ގުޅޭ ފަރާތްތަކުން އެމަނިކުފާނަށް ވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިމައްސަލައިގައި ޖަވާބުދާރީވެ، އެއްބާރުލުން ދޭންޖެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބަންޑާރަނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ރޭ އަވަސް އަށް ވިދާޅުވީ ރާއްޖެ އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީ އަށް އޮތް ކަމަށާއި އެގޮތަށް އެ މިނިސްޓްރީން އަމަލު ކޮށްފައި ނުވާ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެކެވެ.

ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާ ނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ގަވައިދުގައި ފަހިކޮށްދީފައިވެ އެވެ. ދޫނިތައް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ހަރަދުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުން ކަމަށްވެސް ގަވާއިދުގައިވެ އެެވެ. ދޫނިތައް ރާއްޖެ އެތެރެކުރާ ފަރާތްތައް ޖޫރިމަނާކުރުމާއި ދޫނިތައް ނައްތާލުމުގެ ފުރުސަތު ވެސްް ގަވައިދުގައި ދީފައިވެ އެވެ.

ހުސައިން ވިދާޅުވީ ބަންޑާރަނައިބްގެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޫބަަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައި ކަން އެނގޭ ކަމަށެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ހިލާފުވި ފަރާތްތަކާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިނިސްޓްރީން އަޅާފައި ނުވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ގަވައިދާ ހިލާފުވި ފަރާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނެތް ދޫނިތަކެއް އެ ލިސްޓަށް އިތުރުކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ގަވާއިދު އިސްލާހުކޮށް މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީން ބަންޑާރަނައިބް އޮފީހުގައި ލަފައަކަށް އެދުނު ކަމަށެވެ.

"އެކަމާ ގުޅޭގޮތުން މި އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކޮރަންޓީން ކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރަން ފެންނަ ވާހަކަ. އަދި މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ." ހުސައިން ވިދާޅުވި އެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕެޓްމާސްގެ މެނޭޖަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޕެޓްމާސް އިން ބުނާ ގޮތުގައި ނައްތާލި ދޫނި ތަކުގެ އަގު އަށްލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ. އެހެންވެ އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރުއީ ހުރިހާ މަރުހަލާ އަކަށްވެސް ދިއުމަށް ނިންމާފަ އެވެ.