ރާއްޖެ އެތެރެކުރި ދޫނި ތަކެއް ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން އެ ދޫނިތައް މަރާލައިފި އެވެ.
ގިނަ އަދަދެއްގެ ދޫނި ތަކެއް ނައްތާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް ދޫނިތައް ނައްތާލި ދުވަހެއް އަދި އެއީ ކިހާ ދޫންޏެއް ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.
ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކުންފުނިން މީގެ ތިން މަސް ދުވަސް ކުރިންނެވެ.
ދޫނިތައް ނައްތާލާފައި މިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ޕެޓްމާސްގެ މެނޭޖަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގާނޫނަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ޕެޓްމާސް އިން ބުނާ ގޮތުގައި ނައްތާލި ދޫނި ތަކުގެ އަގު އަށްލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ. އެހެންވެ އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރުއީ ހުރިހާ މަރުހަލާ އަކަށްވެސް ދިއުމަށް ނިންމާފަ އެވެ.