ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން އެދިއްޖެ އެވެ.
ބަންގްލަދޭޝް ސަރުކާރުން މިކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އޭކޭ އަބްދުލް މޮމެންއާއެކު ބޭއްވެވި ބައްދަލްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރެއްވެވިއެވެ. އެގޮތުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި ޝިޕިން އަދި ޓެކްނިކަލް ޓްރައިން ދިނުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އަދި ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.