އެމްއެސްއެސް

ޝިޕިން ކުންފުނީގެ އަމިއްލަ ބޯޓު، މުދަލާއެކު އަތުވެއްޖެ

އެސްޓީއޯގެ ސަބްސިޑަރީ، އަދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިސް ސްޓޭޓް ޝިޕިންގެ ފުރަތަމަ އަމިއްލަ ބޯޓު، އެމްއެސް ގަލޭނާ ފުރަތަމަ ފަހަރަށް މުދަލާ ހިފައިގެން ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެ އައުން ފާހަކުރުމަށް އެސްޓީއޯއިން ވަނީ މިއަދު ހެނދުނު ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އިސް ބޭފުޅުންނާއި އެސްޓީއޯ، އެމްޕީއެލް އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ މޯލްޑިވްސް ސްޓޭޓް ޝިޕިން ލައިނުގެ އަމާޒަކީ އެކުންފުނިން މިހާރު ބޭނުންކުރަމުން އަންނަ ޗާޓަރު ބޯޓުތައް އެއްކޮށް ދޫކޮށްލުމެވެ. އަދި އެމްއެސްއެސް ގަލެނާގެ އިތުރުންވެސް ބޯޓެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް އިތުރު ބޯޓުތައް އަންނަނީ ބޭނުންކުރަމުން ދާއިރުއެ އެ ބޯޓުތައް ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓުޓިކޮރިންއިން ސީދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށް ކަމަށެވެ. "

އެ ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީއަށް ގެންދެވޭ މުދަލުގެ އަގު 50 އިންސައްތަ ކުޑަވެގެންދާނެ." ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މާލޭއާއި ކޮލޮމްބޯއާއި ދެމެދު ކޮންމެ އަށް ދުވަހަކުން ދަތުރެއް ބޭއްވުމެވެ."މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެއް" ނާޒިމް ވިދާޅުވި އެވެ.

"އެމްއެސް ގަލޭނާ" ގައި މުޖްލަ 16 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެތެރެއިން 99 ޕަސެންޓަކީ ދިވެހިން ނެވެ. ކޮންމެ ދަތުރެއްގައި އެ ކާގޯ ބޯޓުން ގިނަވެގެން 400 ކޮންޓޭނަރު އުފުލަ އެވެ. އެމްއެސްއެސްއަކީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ 0.01 ޕަސެންޓަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.