އެމްއެސްއެސް

ޝިޕިންގެ ދާއިރާއިން ސްކޮލާޝިޕް ދެނީ

ޝިޕިންގެ ދާއިރާއިން ގާބިލް މީހުން ބިނާ ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތުތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އެމްއެސްއެސްގެ އަމިއްލަ ކާގޯ ބޯޓު އެމްއެސް ގަލޭނާ އެމްޕީއެލްގެ މާލޭ ޕޯޓަށް ބަނދަރު ކުރުމަށް މިއަދު ހެނދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ނެވެ.

އެމްއެސްއެސްގެ ފްލީޓު ބޮޑު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ޝިޕިންގެ ދާއިރާއިން ގާބިލް މީހުން ބިނާ ކުރުމަށް އެ ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އިންޖީނު އަދި ޑެކް ކެޑޭޓުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ ސްކޮލާޝިޕްތަކަށް ހުޅުވާލައި އަލަށް ސްކޫލް ނިންމާ ދަރިވަރުންނަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.