ބޮލީވުޑް

އަނުޝްކާ ޝަރްމާ އިތުރު ތިން ފިލްމެއް އުފައްދަނީ

Dec 9, 2015

މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަތަލާއެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު، އަނުޝްކާ ޝަރްމާ ވަނީ އޭނާގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރު ބޮޅެއް އެއްކޮށްފަ އެވެ.

މިއަހަރުގެ ކުރީކޮޅު ނިކުތް "އެންއެޗް 10" އަކީ އަނުޝްކާ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމަށްވީއިރު، މިފިލްމުގެ ކާމިޔާބީއާއެކު އުދެހެމުން އަންނަ އަނުޝްކާ ވަނީ އިތުރު ތިން ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާފަ އެވެ.

"އެންއެޗް 10" ޕްރޮޑިއުސްކުރުމުގެ އިތުރަށް އަނުޝްކާ ވަނީ މިފިލްމުގެ ބަތަލާގެ ރޯލުންވެސް ފެނިގެންގޮސްފަ އެވެ.

އިތުރަށް ޕްރޮޑިއުސްކުރަން ނިންމާފައިވާ ތިން ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން އަނުޝްކާ ވަނީ މިތިން ފިލްމަކީ ވެސް ވަރަށް ތަފާތު ތިން ވާޙކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ތިން ފިލްމު ކަމަށެވެ. އަދި މިތިން ފިލްމުގެ ތެރެއިން ދެފިލްމެއް ޑައިރެކްޓްކުރާނީ މުޅިން އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އަންޝާއީ ލާލް އާއި އަކްޝަތް ވަރްމާ ކަމަށެވެ. ތިން ވަނަ ފިލްމު ޑައިރެކްޓްކުރާނީ އޭނާގެ "އެންއެޗް 10" ވެސް ޑައިރެކްޓްކޮށްފައިވާ ނަވްދީޕް ސިންގް ކަމަށް ވެސް އަނުޝްކާ ވަނީ ބުނެފަ އެވެ.

އިތުރަށް މިތިން ފިލްމުގެ ވާހަކައާއި ބެހޭގޮތުން ވާހަކަދައްކަމުން އަނުޝްކާ ވަނީ އަންޝާއީ ޑައިރެކްޓްކުރާނީ ހެއްވާ މަޖާ އަދި ލޯބީގެ ފިލްމެއް ކަމަށެވެ. އަދި ނަވްދީޕް ތްރިލާ ފިލްމެއް ޑައިރެކްޓްކުރާއިރު އަކްޝަތް ޑައިރެކްޓްކުރާ ފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށެވެ.

މިތިން ފިލްމުގެ ތެރެއިން ކޮންމެވެސް އެއް ފިލްމެއްގައި އަނުޝްކާ އެކްޓްކުރުމަށްވެސް ހަމަޖެހިފައިވާއިރު، އެއީ ކޮން ފިލްމެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

"އެންއެޗް 10" އަށް ލިބުނު ކާމިޔާބީއަށްފަހު ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އެފިލްމުގެ ސީކުއެލް "އެންއެޗް 12" އުފައްދަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ބުނެވޭ ގޮތުގައި ނަވްދީޕް ޑައިރެކްޓްކުރާނީ "އެންއެޗް 12" އެވެ. މިފިލްމަކީ ވެސް "އެންއެޗް 10" ގޮތަށް ރޯޑް ޓްރިޕެއްގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް މިފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ.