އެޗްޑީސީ

ހިޔާ ފްލެޓްތަކާ ގުޅޭ ސާވޭ އަލުން ފަށައިފި

Nov 23, 2021

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ ހިޔާ ފްލެޓްތަކާ ގުޅޭ ސާވޭ އަލުން ފަށައިފި އެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކުގެ ސާވޭ ކުޑަދުވަސް ކޮޅަކަށް މެދުކަނޑާލީ އެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު އެޗްޑީސީގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅާ މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް ބުނުމަށްފަހު އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފައިދާއަށް ކަންތައްތަކެއް ކުރަން ނިންމައިގެން ކުރިއަށް ގެންދާ ސާވޭ އަށް ހުރަސް އަޅާ ފަރާތްތަކުގެ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެޗްޑީސީގެ ސާވޭ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީގެ ސާވޭގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާ ގުޅޭ މައުލޫމާތު އެއްކުރުމާއި، ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ގަވައިދުތަކަށް އެނގޭ މިންވަރާއި ބޯލަބައި މިންވަރު ބެލުމާއި، އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ފްލެޓްތަކުގައި އުޅޭ މީހުންގެ ހިޔާލު ހުރި ގޮތް ހޯދުން ހިމެނެ އެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 500 އެއްހާ އާއިލާ ދިރިއުޅެމުންދާއިރު އެތަނުގައި ބައެއް ހިދުމަތްތައް ލިބެން ނެތުމާއި ބައެއް ހިދުމަތްތަކުގެ ފެންވަރު ދަށްކަން ބައެއް މީހުން ފާހަގަކުރެ އެވެ. ވަކިން ހާއްސަކޮށް ކުނި އުކާލުމަށް ހަރުދަނާ އިންތިޒާމެއް ނެތުމާއި ތަނުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަން އާންމުން ފާހަގަކުރެ އެވެ.