ބޮލީވުޑް

ރިތިކްގެ އާ ފިލްމު ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް!

Dec 10, 2015

ޑައިރެކްޓަރު ސަންޖޭ ގުޕްތާ އާއި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން، ރިތިކް ރޯޝަން ލީޑްތަރިއެއްގެ ގޮތުގައި ހިމަނައިގެން އުފައްދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާ ހަމަނުޖެހިގެން އުޅެނިކޮށް މިފިލްމުގެ މައްސަލައެއް މިވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އަދި ނަމެއް ދީފައިނުވާ މިފިލްމުގެ އަސްލު ވާހަކައާއި، ސްކްރިޕްޓާއި ޑައިލޮގްތަކަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށާއި އެތަކެތި އޮޅުވާލައިގެން ސަންޖޭ އާއި ރާކޭޝް ބޭނުންކުރަން އުޅޭ ކަމަށް ބުނެ، އެކްޓަރު ސުދާންޝޫ ޕާންޑޭ ވަނީ މިމައްސަލަ ކޯޓަށާއި ފިލްމު ރައިޓާސް އެސޯސިއޭޝަނަސްވެސް މައްސަލަ ހުށަހަޅާފަ އެވެ.

ބޮލީވުޑްގެ ބައެއް ހަބަރު ގެނެސްދޭ ވެބްސައިޓްތަކުގައި ސުދާންޝޫ ބުނެފައިވާ ކަމަށް ވާ ގޮތުން މިފިލްމުގެ ސްކްރިޕްޓް ލިޔުމަށް އޭނާ ވަނީ ގާޓްގަނޑަކަށް ދެ އަހަރާއި ބައި ހޭދަކޮށްފަ އެވެ. އަދި މިފިލްމު އޭނާ އުފައްދަން ބޭނުންވީ އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ގޮތުގައި، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ރޯ ސްޓޮކް ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.

މިފިލްމުގެ ވާހަކައަކީ އޭނާގެ އަމިއްލަ ވާހަކައެއް ކަމަށް ބުނަމުން ސުދާންޝޫ ވަނީ އޭނާއާއި ސަންޖޭއާ ދިމާވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށާއި އޭރު މިފިލްމުގެ ވާހަކަ އޭނާ އާއި ހިއްސާކުރެވިގެން ވަނީ ފިލްމު ޑައިރެކްޓްކޮށް ކޯ ޕްރޮޑިއުސަކުރަން ނިންމާފައި ކަމަށެވެ. އަދި އޭނާ އާއި ސަންޖޭ އެކުގައި މިފިލްމު ޕްރޮޑިއުސަކުރާނެ އިތުރު ފަރާތްތައް ހޯދުމުގެ ގޮތުން ބަލާޖީ ޓެލެ ފިލްމްސްއާ ބައްދަލުކޮށް، އެފަރާތުން ވެސް މިފލްމު ކޯ ޕްރޮޑިއުސްކުރަން އެއްބަސްވެފައިވާ ކަމަށް ބުނެފަ އެވެ.

އިތުރަށް ސުދާންޝޫ ވަނީ އެންމެފުރަތަމަ ވެސް އޭނާއާއި ސަންޖޭގެ ހިޔާލުގައި ހުރީ ރިތިކް މިފިލްމުގެ ބަތަލުގެ ރޯލަށް ލުމަށް ކަމަށާއި އެގޮތުން ރިތިކް އާއި އެދެމީހުން ބައްދަލުކޮށް، ފިލްމުގެ ސްކްރިޕްޓާއި ބެހޭގޮތުން ވާހަކަދެއްކި ފުރަތަމަ ފަހަރު ފިލްމު ކުޅެން އާނބަސް ދީފައިވާ ކަމަށެވެ. އަދި ރިތިކް ބޭނުންވީ އޭނާގެ ބައްޕަ ރާކޭޝް މިފިލްމުގެ ސްކްރިޕްޓް އެންމެ ފަހަރަކު ނަމަވެސް ކިޔާލުމަށް ކަމަށެވެ.

ރިތިކްގެ އެދުމުގެ މަތިން ސުދާންޝޫ އާއި ސަންޖޭ، ރާކޭޝް އަށް މިފިލްމުގެ ސްކްރިޕްޓް އަޑުއިއްވާލުމުން ވަނީ މިފިލްމު ޕްރޮޑިއުސްކޮށް އުފައްދަން ބޭނުންވަނީ އޭނާގެ އަމިއްލަ ފިލްމު އުފައްދާ ކުންފުނި ފިލްމް ކްރާޕްޓް ޕްރޮޑަކްޝަންސްގެ ދަށުން ކަމަށް ބުނެފައި ކަމަށެވެ. އަދި ރާކޭޝް ވަނީ ފިލްމަށް ލިބޭ ފައިދާއިން ދެ ޕަސެންޓް ސުދާންޝޫ އަށް ދިނުމަށް ނިންމައި، ފިލްމުގެ މަސައްކަތްކުރިއަށްދާއިރު އެސޯސިއޭޓް ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލްމުގެ މަސައްކަތްތަކުގައި ބައިވެރިވެވިދާނެ ކަމަށް ބުނެފައި ކަމަށެވެ. ނަމަވެސް ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ އާއި ޑައިލޮގްތަކަށް ސުދާންޝޫއަށް އެއްވެސް ކްރެޑިޓެއް ނުލިބޭނެ ކަމަށް ރާކޭޝް ބުނެފައިވާ ކަމަށް ވެސް ސުދާންޝޫ ވަނީ ބުނެފަ އެވެ.

"އޭނާގެ ނިންމުމާއި މެދު ހިތްހަމަނުޖެހިގެން އަހަރެން މިފިލްމުން ވަކިވާން ނިންމީ" ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަމުން ސުދާންޝޫ ބުނެފައިވެ އެވެ.

މިކަމާއި ހިތްހަމަނުޖެހިގެން ސުދާންޝޫ މިފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިވާހަކަތައް ރާކޭޝް އާއި ސަންޖޭ ދޮގުކުރާއިރު، އެދެމީހުންވަނީ އެމީހުން އުފައްދާ ފިލްމުގެ ވާހަކައަކީ މުޅިން ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ބުނެފަ އެވެ.