ދުނިޔެ

ލަންކާ-ރަޝިއާ: އިންޓެލިޖެންސް ހިއްސާކުރަނީ

ލަންކާއާ ރަޝިއާ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން އެއްބަސްވެއްޖެ އެވެ. ލަންކާ ނޫސްތައް ބުނާ ގޮތުން ދެގައުމުން މައިގަނޑު ގޮތެއްގައި އެއްބާރުލާނީ ހައްދުފަހަނައެޅުމާ ދެކޮޅަށެވެ. އޭގެ އިތުރުން ޓެރަރިޒަމާއި ސައިބާ ސެކިޔުރިޓީއާ ބެހޭ ގޮތުން ވެސް މައުލޫމާތު ބަދަލުކުރާނެ އެވެ.

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ޓްވީޓްކުރައްވައި ވިދާޅުވި ގޮތުގައި ރަޝިއަން ސެކިޔުރިޓީ ކައުންސިލް ސެކްރެޓަރީ ނިކޮލައި ޕަޓްރަޝެފްއާ އެކު މަޝްވަރާ ކުރައްވައި ދެގައުމުގެ ގުޅުން ބަދަހި ކުރެއްވި އެވެ. އަދި ރަޝިއާއާއެކު އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން މަޝްވަރާ ކުރެވުނެވެ.

ރަޝިއާއާ ލަންކާއިން ދުނިގޭ އިގުތިސޯދުގައި އަދާކުރެވިދާނެ ދައުރާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޚަބަރުގައް ބުނެ އެވެ. ސިޔާސީ ވާދަވެރިކަމުގައި ގައުމުތައް ފިތިފައި އޮތްއިރު ގައުމީ މަސްލަހަތާ މެދު ވިސްނަން ޖެހިފައި އޮތް ކަމަށް ދެބޭފުޅުން ވެސް ވިދާޅުވި އެވެ.

ރަޝިއާއިން ލަންކާއަށް އެހީތެރި ވެވިދާނެ ރޮނގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޮފިޝާލުން ބުނެ އެވެ. އެހެން ނަމަވެސ ދާއިރާތައް ވަކިކޮށް މައުލޫމާތުދޭން އޮފިޝަލް ދެކޮޅު ހެއްދެވި އެވެ.

ނިކޮލައި ޕަޓްރަޝެފް ވިދާޅުވި ގޮތުގައި ލަންކާއާ ރަޝިއާއިން ދެގައުމު ބަލައިގެންފައި އޮތްއިރު ވެސް މުހިންމު ކަމެއް ކުރެވިފައި ނެތެވެ. އޭނާ ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ދެގައުމުން ވިސްނަން ޖެހިފައި އޮތް ކަމަށެވެ.

ލަންކާއަކީ ވެސް ޓެރަރިސްޓުން ޖާގަ ހޯދާ ގައުމެއް ކަމަށް ނިކޮލައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓެރަރިސްޓުން ހަރަކާތްތެރިވާ ގޮތް ހޯދުމުގައި ރަޝިއާއިން ލަންކާއަށް އެހީތެރި ވެވިދާނެ ކަމަށެވެ.

ލަންކާއާ ރަޝިއާއިން ސަރުކާރުގެ ފެންވަރުގައި އެއްބަސްވި އެއްބަސްވުންތަކުގެ ތަފުސީލެއް ނުދެ އެވެ. އާންމު ޚަބަރުތަކުން އެނގެނީ ދެބޭފުޅުން ބައްދަލު ކުރެއްވި ކަމާއި ޓެރަރިޒަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމެވެ.