ބޭންކް އޮފް މޯލްޑިވްސް

ޕާސަނަލް ފައިނޭންސިން އިން ފައިސާ ނެގޭ

Nov 24, 2021

މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯއަށް ބަދަލު ގެެނެސްފި އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ތަވައްރުގް އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނަބުރާ ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަކީ މުސާރަ ލިބޭ މީހުންނާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ މީހުންނަށް 300،000ރ. އާ ހަމަޔަށް 15 ޕަސެންޓް ރޭޓެއްގައި ދޫކުރާ ފައިނޭންސިން ފެސިލިޓީއެކެވެ.

ބީއެމްއެލް އިން ބުނީ މަހުން މަހަށް މުސާރަ ނުލިބޭ މީހުންނަށް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000ރ. ހަމަޔަށް 12 ޕަސެންޓް ރޭޓްގައި ފައިނޭންސިން ދޫކުރާ ކަމަށެވެ.

ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ މީހުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.