ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާއްސަ އެހީގެ އެލަވަންސް ބޮޑުކުރަން ޕެޓިޝަނެއް ހުށަހަޅަނީ

Nov 24, 2021
5

ހާއްސަ އެހީ އަށް ބޭނުންވާ މީހުނަށް ސަރުކާރުން ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދު އިތުރު ކޮށްދޭން އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ޕެޓިޝަން އެކުލަވާލުމުގައި އިސްކޮށް މަސައްކަތް ކުރަނީ ހއ. އިހަވަންދޫއަށް ނިސްބަތްވާ ހާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނުން ކަމަށްވާ އަލީ ފަޔާޒާއި، މުހައްމަދު އިރުފާންގެ އިތުރުން އަލީ ޖުނައިދު އެވެ. އެ މީހުން އިސްވެ ހުށަހަޅާ ޕެޓިޝަންގައި އެދިފައިވަނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު ދޫކުރާ 2،000 ރުފިޔާ، 5،000 ރުފިޔާއަށް ބޮޑު ކޮށްދޭށެވެ.

އިރުފާން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދޭ އެލަވަންސަކީ ދިރިއުޅުމުގެ އާންމު ހާލަތާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ މީހުން އާމްދަނީ ހޯދަން ގިނަ ގޮންޖެހުންތަކެއް ހުރިއިރު އަމިއްލަ ދިިރިއުޅުމެއް ފަށައިގެން އުޅޭ މީހުން ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ތެރޭގައި އުޅޭތީވެ ދައުލަތުން ދޭ އެލަވަންސް ބޮޑު ކުރުމަކީ ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން މި ޕެޓިޝަންގައިވާ މައިގަނޑު ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއްދީ މައްސަލަ އަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް،" އިރުފާން ބުންޏެވެ.

އޭނާ އިތުރަށް ބުނީ ރައީސް ސޯލިހަށް ޕެޓިޝަން ހުށަހަޅަން ބޭނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން 8،000 މީހުންގެ ސޮޔާ އެކު ކަމަށެވެ. ޕެޓިޝަންގައި މިހާތަނަށް 4،800 މީހުން ސޮއި ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ރައީސް ސޯލިހަށް ޕެޓިޝަން ހުށަހަޅަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހު ރައީސް ސޯލިހް އިހަވަންދޫ އަށް ވަޑައިގަތުމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު އިސްލާހުކޮށްގެން އެފަދަ މީހުންނަށް 5،000 ރުފިޔާއާއި 7،000 ރުފިޔާއާ ދެމެދު އިނާޔަތެއް ދިނުމަށްޓަކައި މީގެ ކުރިން 2019 ވަނަ އަހަރު މަޖިލީހަށް އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުން އޭރު ވަނީ އެ އިސްލާހު ބޭރު ކޮށްލާފަ އެވެ.