ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި

ޔޫރަޕިއަން ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ބުރަށް ނުހޮވި މިރޭ ކަޓައިފި އެވެ.

އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ވުލްފުސްބާގް އަރުން 3-2އިން ބަލިވުމުންނެވެ.

މި ބައްޔާއެކު ޔުނައިޓެޑް ލައްވާލީ ގްރޫޕުގެ ތިން ވަނާގަ އެވެ. މިހެންވެ އެ ޓީމު ދެން ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރި ފުރަތަމަ ފަހަރު ޔުނައިޓެޑް ކެޓިއިރު ގްރޫޕުގެ އެއްވަނަ ލިބުނީ 12 ޕޮއިންޓާއެކު ވުލްފުސްބާގަށެވެ. ދެ ވަނަ ލިބުނީ 10 ޕޮއިންޓާއެކު ޕީއެސްވީ އެއިންދޯވަން އަށެވެ. ޔުނައިޓެޑް ތިން ވަނަ އަށްދިޔައީ އަށް ޕޮއިންޓާއެކުގަ އެވެ. ގްރޫޕުގެ ފުލަށްދިޔައީ ހަތަރު ޕޮއިންޓާއެކު ސީއެސްކޭ މޮސްކޯ އަށެވެ. އެ ޓީމު މިރޭ ބަލިވީ ޕީއެސްވީ އަތުން 2-1އިންނެވެ.

ރޭގެ މެޗުން ޔުނައިޓެޑް ބަލިވީ މެޗުގެ 10 ވަނަ މިނިޓްގައި އެންތަނީ މާޝިއަލް ލަނޑު ޖަހައި ޓީމަށް ލީޑު ހޯދާދީފައިވަނިކޮށެވެ. މި ލީޑު ޔުނައިޓެޑަށް ހިފެހެއްޓުނީ އެންމެ ތިން މިނިޓް ވަންދެންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ނަލްޑޯ ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު 29 ވަނަ މިނިޓްގައި ވެއިރީނާ ވަނީ ދެ ވަނަ ލަނޑު ޖަހައި ފަހަތުން އަރައި ލީޑް ހޯދައިފަ އެވެ.

ވުލްފުސްބާގްގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ޖޯޝުއާ އަތުން ބައިކޮޅަށް ވަންލަނޑާއެކު މެޗުގެ ނަތީޖާ 2-2އިން އެއްވަރުވެފައިވަނިކޮށް، 84 ވަނަ މިނިޓްގައި ނަލްޑޯ އެވެ.