ދުނިޔެ

ޔޫއޭއީން 10 ބިލިއަން ޑޮލަރު ތުރުކީގައި އިންވެސްޓްކުރަނީ

ތުރުކީގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އަބޫދާބީ ޑިވެލޮޕްމެންޓަލް ހޯލްޑިން ކޮމްޕެނީ (އޭޑީކިިޔޫ) އިން އިއުލާންކޮށްފި އެވެ. އޭޑީކިިޔޫގެ ސީއީއޯ، މުހައްމަދު ހަސަން އަލްސުވައިދީ މީޑިއާއަށް ވިދާޅުވި ގޮތުގައި ފަންޑު މިހާރު ވެސް ހުރީ ތައްޔާރަށެވެ.

އަބޫދާބީގެ ޕްރިންސް ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން ތުރުކީއަށް ވަޑައިގެން އުޅުއްވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުލެއްގަ އެވެ. ޕްރިންސްގެ ދަތުރާ ބެހޭ ގޮތުން ތުރުކީން ބުނީ އުރުދުޣާންއާ ޕްރިންސްއާ އެކު ކުރެވުނު މަޝްވަރާތައް ކާމިޔާބު އަދި ގުޅުން ބަދަހި ބައްދަލުވެއް ކަމަށެވެ.

އުރުދުޣާން ދެއްވި ދައުވަތު ގަބޫލު ކުރައްވައި ޕްރިންސް ތުރުކީއަށް ވަޑައިގެންނެވި ނަމަވެސް، ޔޫއޭއީއާ ތުރުކީ އަކީ ދުނިޔޭގެ ސަފުގައި ޚިޔާލު ތަފާތު ދެގައުމެވެ. ސަރަހައްދީ މަސްލަހަތުގައި ޔޫއޭއީއާ ސައޫދީ ވަލުގެ ވަކިކޮޅެއްގައި ހިފައިފިނަމަ ތުރުކީ ގިނަ ފަހަރު ހިފަން ބޭނުންވަނީ ވަލުގެ އަނެއްކޮޅުގަ އެވެ.

އެހެން ނަަމަވެސް މިފަހަކަށް އައިސް ތުރުކީގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ސައޫދީގެ ރަސްގެފާން ދެއްވި ދައުވަތެއް ގަބޫލުކުރައްވައި އުރުދޫޣާން ސައޫދީއަށް ވަޑައިގެންފައި ވަނީ ކުރައްވަން ހުރި ވަރަށް ގިނަ މަސައްކަތްތައް ފަހަށް ބަހައްޓަވާފަ އެވެ.

ޕްރިންސްގެ މިދަތުރުފުޅަކީ ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި ތުރުކީއަށް ކުރައްވަ ފުރަތަމަ ދަތުރުފުޅެވެ. ސަރަހައްދީ މަސްލަހަތުގައި ޔޫއޭއީ ކޮޅަށް ތުުރުކީ އަރަން ބޭނުން ނުވުމުން ދެގައުމުގެ ގުޅުން އެއިރު އޮތް ހިސާބުގައި އޮތީ އެވެ.

ޕްރިންސްގެ ދަތުރުފުޅުގައި ތުރުކީއާ އެކު ވަަރަށް ގިނަ އެއްވަސްވުން ތަކުގައި ސޮއިކުރެއްވި އެވެ. ބެލެވޭ ގޮތުގައި ޔޫއޭއީން ތުރުކީގައި އިންވެސްޓްކުރަނީ ސަރަހައްދީ ގައުމުތައް އެއްގަލަކަށް އެރުވުމަށް ސަލްމާން ރަސްގެފާން ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެންނެވެ.

ސައުދީއާ ޔޫއޭއީ އަދި މިސްރުގެ އެޖެންޑާއަކީ ސަރަހައްދީ ގައުމުތައް ބާރުވެެރިކޮށް ދުނިޔެއަށް އެކްސްޕޯޓްކުރާ ނާރެހަކަށް އެސަރަހައްދު ހެދުމެވެ.