އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން މިސްރުގެ ރައީސް، އަބްދުލް ފައްތާހް އައްސީސީ އާއި އީރާގުގެ ބޮޑުވަޒީރު، މުސްތަފާ އަލް ކަޒީމީއަށް ފޯނުން ގުޅުއްވައި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްފައިވި އެވެ.
މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްނަގައިގެން ސަރަހައްދުގައި، އަރަބި ގައުމުތަކުގެ މެދުގައެއް އެއްރޫހެއް އާލާކޮށް ދިރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ އާބޮޅެކެވެ.
ޕްރިންސް ވިދާޅުވި ގޮތުގައި މިސްރާއި އީރާގުގު އަދި ޔޫއޭއީއަށް އެއްވިސްނުމެއްގައި ތަރައްގީއަށް މަސައްކަތް ކުރެވިދާނެ އެވެ. އަދި ކޮންމެ ގައުމެއްގައި ވެސް އަނެއް ގައުމަށް މުހިންމު އަދި ބޭނުންތެރި ފުރުސަތު ހުންނާނެ އެވެ.
ސަރަހައްދުގައި ރައްކާތެރިކަން ގާއިމުވެފައި އޮތުމަކީ ދެމެހެއްޓެނިވި ކަމަކަށް ހަދަންޖެހޭ ކަމަށް ވެސް މުހައްމަދު ބިން ޒައިދު ވިދާޅުވި އެވެ. އޭނާ ވިދާޅު ގޮތުގައި ގާތް އަވަށްޓެރިންނަށް ޓެރަރިސްޓުން ހަމަލާ ދެމުން ގެއްދާއިރު އެވާހަކަތަކުގެ ޚަބަރު އަޑުއަހާކަށް ނުތިބެވޭނެ އެވެ.
ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ލީޑަރުން މަޝްވަރާ ކުރެއްވި އެވެ. ސިޔާސީ މައިދާނުގައި ހިނގާ ހާޖާނެއްގެ ސަބަބުން ދުނިޔޭގަައި ހިނގާ ހަމަނުޖެހުންތައް އަރަބިންނަށް ވެސް ފޯރާ ކަމަށް ޕްރިންސް ވިދާޅުވި އެވެ.
ޕްރިންސް ވިދާޅުވީ ދުނިޔޭގެ މަޝްރަހާ މެދު މެދުއިރުމަތީ ގައުމުތަކުން ދެކޭ ގޮތް އެއްގޮތްކުރުން ވަރަށް ބޭނުންތެރި ކަމަށެވެ.
ޔޫއޭއީގައި ހުރި ތަނަވަސް ފުރުސަތުތައް މިސްރަށާއި އީރާގަށް ހުޅުވާލައްވާފައި އޮތް ކަމަށް ޕްރިންސް ވިދާޅުވި އެވެ. ގައުމުތަކުން މަޝްވަރާކޮށް ވިޔަފާރީގައި ހުރި ހެޔޮ ފުރުސަތުތައް ފުޅާކުރަން މަސައްކަތްކުރުމަށް ވެސް ގޮވާލެއްވި އެވެ.
ޕްރިންސް މުހައްމަދު ބިން ޒައިދު މިދާކަށް ދުވަހު ތުރުކީއަށް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބު ތަައްޔިބު އުރުދުޣާންއާއެކު ކާމިޔާބު ވަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ. އަދި ތުރުކީގައި 10 ބިިލިއަން ޑޮލަރު އިންވެސްޓްކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.