ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކިޑްސް ރަން އަންނަ މަހު

Nov 25, 2021

ބޭންކް އޮފް މޯލްޑިވްސްގެ "ވާއު ކިޑްސް ރަން" އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ބޭންކާއި ޓީއެފްޖީ ގުޅިގެން ބާއްވާ އިވެންޓެކެވެ. ދުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ފަށާނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ.

މިއީ އިވެންޓަކީ ކުޑަކުދިންނަށް ހާއްސަ ދުވުމެކެވެ. ބައިވެރިވެވޭނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދު ކުދިންނަށާއި، ހަ އަހަރާއި އަށް އަހަރާ ދެމެދު ކުދިންނަށާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލާނެ އެވެ.

ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހަތަރު އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގަ އެވެ. މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުގަ އެވެ.