ބަންގްލަދޭޝް

ބަންގްލަދޭޝްގެ ސެޓެލައިޓް ރާއްޖޭން ބޭނުންކުރަން ހުށަހަޅައިފި

Nov 25, 2021
2

ބަންގްލަދޭޝް އިން ޖައްވަށް ދޫކޮށްލާފައިވާ ސެޓެލައިޓް "ބަންގަބަންދު-1" ރާއްޖޭން ބޭނުންކުރުމަށް ހުށަހަޅައިފި އެވެ.

ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް އެކަން ރަސްމީކޮށް ހުށަހެޅުއްވީ ނައިބް ރައީސް ފައިސަލް ނަސީމު، ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގަ އެވެ.

ބަންގްލަދޭޝް ސަރުކާރުގެ ހުށަހެޅުމަށް ދިވެހި ސަރުކާރުން ރަސްމީ ޖަވާބެއް ދީފައިވާ ކަމަކަށް ޝައިހް ހަސީނާގެ ޕްރެސް ސެކްރެޓަރީ އިހްސާނުލް ކަރީމް ބަންގްލަދޭޝްގެ ނޫސްތަކަށް ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައެއް ނުވެ އެވެ. ބަންގްލަދޭޝް ސަރުކާރުގެ އެ ހުށަހެޅުމާ ގުޅޭގޮތުން އިހްސާނުލް ކަރީމް އިތުރު މައުލޫމާތު ހިއްސާކުރައްވާފައެއް ވެސް ނުވެ އެވެ. އެކަމަކު ސިއްހީ ދާއިރާ އާއި ފަންނީ ތަފާތު ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޝައިހް ހަސީނާ ވިދާޅުވި ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.

ބަންގްލަދޭޝް ސަރުކާރުގެ ހުށަހެޅުމާ ގުޅިގެން ދިވެހި ސަރުކާރުން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް، ޝައިހް ހަސީނާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ހާމަކުރި ހަމައެކަނި މައުލޫމާތުގައި ބުނެފައިވަނީ އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާއި، ބަންގްލަދޭޝްގެ ބާނީ މުޖީބުއްރަހްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ ހެޔޮއެދުންތައް ނައިބް ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރެއްވި ކަމަށެވެ.

ބަންގަބަންދު 1 ސެޓެލައިޓަކީ ބަންގްލަދޭޝް ސަރުކާރުން 248 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ ސެޓެލައިޓެކެވެ. ބްރޯޑްކާސްޓިން އާއި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކަށް ހާއްސަކޮށްގެން މެއި 12، 2018 ގައި ޖައްވަށް ފޮނުވާލި ސެޓެލައިޓާ ގުޅިގެން މުއާސަލާތީ ހިދުމަތް ހޯދުމަށް އެހެން ސެޓެލައިޓްތައް ކުއްޔަށް ނެގުމަށް މީގެކުރިން ބަންގްލަދޭޝް ސަރުކާރުން ހޭދަކުރަމުން ދިޔަ 14 މިލިއަން ޑޮލަރު ވަނީ ސަލާމަތް ކުރެވިފަ އެވެ.

ބަންގްލަދޭޝްގެ ސެޓެލައިޓަށް "ބަންގަބަންދު"ގެ ނަން ދީފައިވަނީ އެ ގައުމު އުފެއްދެވި ބާނީ އަދި ޝައިހް ހަސީނާގެ ބައްޕަ ޝައިހް މުޖީބުއްރަހްމާނަށް ނިސްބަތްކޮށެވެ.