ބޮލީވުޑް

"ބޮބް ބިސްވާސް"އަށް އަބީޝެކް 100 ކިލޯ ބަރުވި

އަބީޝެކް ބައްޗަންގެ އާ ފިލްމު "ބޮބް ބިސްވާސް" ރިލީޒްކުރާ ދުވަސް ކައިރިވާތީ އޭނާ މިހާރު އުޅެނީ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގަ އެވެ. ކްރައިމް-ތުރިލާ އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ފިލްމުގައި އަބީޝެކް ކުޅެނީ ފައިސާއަށް މީހުން މަރާ މީހެއްގެ ރޯލެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު ދައްކަން ފަށާފައިވާއިރު އަބީޝެކްގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައި ހުއްޓާ ފެނެ އެވެ. އަބީޝެކް ބުނި ގޮތުގައި އެ ފިލްމުގައި އޭނާ ހުރި ސިފަޔަށް ބަދަލުވާން އޭނާއަށް އޮތީ ދެ ގޮތެކެވެ. އެއީ ޕްރޮސްތެޓިކްސް ބޭނުންކޮށްގެން ފަލަވުމާއި އަސްލު ފަލަ ވުމެވެ. އެގޮތުން އޭނާ ޚިޔާރުކުރީ އަސްލު ފަލަވެގެން އެ ކެރެކްޓާއަށް ފިޓްވާށެވެ.

ސަބަބަކީ ބަނޑުގައި ޕްރޮސްތެޓިކްސް އެޅިޔަސް ފޭކް ވައްތަރެއް ޖަހާނެތީ އެވެ. އަދި މިހާރު އޯޑިއަންސް ބޭނުންވަނީ ވީހާވެސް ހަގީގީ ގޮތްތައް ފިލްމުތަކުން ފެންނަން ކަމަށާއި ޕްރޮސްތެޓިކް ބޭނުންކޮށްފައި ހުރިނަމަ ބެލުންތެރިންނަށް ބަލައިގަންނަން އުނދަގޫވާނެ ކަމަށެވެ.

"އެ ފިލްމު ޝޫޓްކުރިއިރު އަހަރެންގެ ގައިގައި 105 ކިލޯވަރު ހުރި. އެކަން ވަރަށް ރަނގަޅަށް ފިލްމުގެ ޓްރެއިލާގައި ބޮބްގެ މޫނު ހުރި ގޮތުން ހާމަވާނެ،" އަބީޝެކް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އަމިއްލަ ހަށިގަނޑަށް އެ ގެނައި ބަދަލުގެ ސަބަބުން ބޮބްގެ ކެރެކްޓާއަށް ވަންނަން އަދި އެ ކެރެކްޓާގެ އިހްސާސްތައް ދެނެގަންނަން އޭނާއަށް މާ ފަސޭހަވި އެވެ.

"ފަލަކަމުން އަހަރެންގެ ހިނގުމަށް ވެސް ކޮންމެވެސް ބަދަލެއް އެ ފިލްމުގައި އައިސްފައިވޭ. އެއީ ބޭނުންވީ ގޮތަކީ ވެސް. އެ ކެރެކްޓާއެއްގެ ސިފަ ރަނގަޅަށް ޖެހެވިއްޖެނަމަ އެކްޓްކުރުމުގެ 50 ޕަސެންޓް އެއޮތީ ފުރިހަމަވެފަ. ދެން އެ އެކްޓަރަކަށް ކުރަންޖެހޭ މަސައްކަތް ވަރަށް ލުއިވާނެ،" އަބީޝެކް ބުންޏެވެ.

"ބޮބް ބިސްވާސް"ގެ ޝޫޓިންގްގައި އަބީޝެކް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިލްމުގެ މަސައްކަތް ކުރަނިކޮށް މުޅި އިންޑިއާ ލޮކްޑައުން އަށް ދިއުމެވެ. އަދި އޭނާ އެ ހުރި ބަރުދަނުގައި އެތައް މަސް ދުވަހެއް ހުންނަން ޖެހުނެވެ.

"ލޮކްޑައުންގައި އޮތް ހުރިހާ މަހެއްގައި އަހަރެންނަށް އެ ބަރުދަން ހިފަހައްޓަން ޖެހުނު. އޭގެ ސަބަބުން ސިއްހަތަށް ވެސް ނޭދެވޭ އަސަރުތައް ކުރޭ. އަދި އެހާ ފަލަ ހަށިގަނޑެއް ގެންގުޅެން ވަރަށް އުނދަގޫވި. ނަސީބަކުން ލޮކްޑައުން ނިމުމުން ޝޫޓިން ނިންމާލައި މިހާރު ބަރުދަން ލުއިކޮށްލެވިއްޖެ،" އަބީޝެކް ބުންޏެވެ.

އޭނާ އެހާ ފަލަވުމުން ދަރިފުޅު އާރާދިޔާ އާއި އަންހެން އައިޝްވަރިޔާ ދުށީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން އަބީޝެކް ބުނީ އެއީ ޕްރޮފެޝަންގެ ގޮތުން އޭނާއަށް ކުރަން މަޖްބޫރުވެފައިވާ ކަމެއްކަމަށް އެމީހުންނަށް ވިސްނޭތީ އެކަން މާ ބޮޑު ކަމަކަށް ނުވި ކަމަށެވެ.

"ބޮބް ބިސްވާސް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 3 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމް ޒީ5 އިންނެވެ.