ދުނިޔެ

ރަޝިއާގައި ބޯޓުދެލި މައިނެއް ގޮވައި 52 މަރު

ރަޝިއާގެ ސިޓީއެއް ކަމަށްވާ ކީމެރަވާގެ ބޯޓުދެލި މައިނެއްގައި ހިނގި އެކްސިޑެންޓެއްގައި 52 މީހުން މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެފި އެވެ. މަރުވި މީހުންގެ ތެރޭގައި މީހުން ސަލާމަތްކުރަން މަސައްކަތްކުރި މީހުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީ އޮފް އެމާޖެންސީ ސިޗުއޭޝަންސްއިން ބުނެ އެވެ.

އިދާރާތަކުން ބުނާ ގޮތުން ހާދިސާ ހިނގަން މެދުވެރިވީ ހިމުންވެފައި ހުރި ބޯޓުދެލި ހުރި ސަރަހައްދެއްގައި އަލިފާން ކަނިކަނޑައިގެން ދިއުމުންނެވެ. އެކަން އެގޮތަށް މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ރަޝިއާގެ ޑެޕިއުޓީ ޕްރޮސެކިޔުޓަރު ޖެނެރަލް ދިމިތުރީ ޖިމިޝިން ވިދާޅުވި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ މީތޭން ގޭހުގައި ހުޅުހިމުންނެވެ.

ބޯޓްދެލި ނަގާ ހޮހަޅަތަކުގައި ގުދުރަތީ ގޮތުން އުފެދިފައި ހުންނަ މިތޭން ގޭހުގައި ދޭތެރެ ދޭތެރެއިން ހުޅުހިފަ އެވެ. އާންމު ގޮތެއްގައި މިފަދަ ހާދިސާތައް ދިމާވަނީ ބޯޓުދެލި ނަގަން މީހުން ބިމުއަޑިއަށް ފައިބައިގެން އުޅޭ ބިޔަ ވަޅުތަކުގަ އެވެ.

ރަޝިއާގައި މިފަހަރު އެކްސިޑެންޓް ހިނގައިގެން އުޅެނީ ބޯޓުދެލި ނަގަން މީހުން 820 ފޫޓަށް ފައިބައިގެން އުޅެނިކޮށެވެ.

އެމެޖެންސީ އިދާރާތަކުން ބުނާ ގޮތުން 239 މީހުން ސަލާމަތްކޮށް ހާލުދެރަ 45 މީހަކު އިތުރު ފަރުވާއާށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ކީމެރަވާގައި މީހުން ސަލާމަތްކުރަން މަސައްކަތްކުރާ މީހުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މައިން ތެރޭގައި ބޯދުން އުފެދުމެވެ. ބާރުގަދަ އަލި ބޭނުންކޮށްގެން ވެސް މައިން ތެރޭގައި ހުރި ހޮހަޅަކޮޓަރިތައް ވަކިނުކުރެވޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އާއިލާތައް ނިކަމެތިވާން ދޫކޮށް ނުލައްވާނެ ކަމަށެވެ. މީހުން ސަލާމަތްކުރަން ކުރާ މަސައްކަތައް ހުއްޓައިނުލުމަށް ޕޫޓިން ވަނީ އަންގަވާފަ އެވެ.

ތުރުކީ އަދި ރަޝިއާއާ ގާތް ގުޅުން ދަމަހައްޓާ ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ހެޔޮ ހާލަކަށް އެދިފަ އެވެ.