ދުނިޔެ

މޮރޮކޯއިން އިޒްރޭލުން ބާރުގަދަ ހަތިޔާރު ގަންނަނީ

މޮރޮކޯއިން އިޒްރޭލާއެކު އަސްކަރީ ބާރުވެރިކަން ޖަމާ ކުރަން ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އިޒްރޭލުގައި އުފައްދާ ރާޑަރު ޑްރޯން މޮރޮކޯއިން ގަންނާނެ އެވެ.

ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން އިޒްރޭލުން މޮރޮކޯގެ ފައިޓަރު ޖެޓްތައް ބާރުގަދަ ކޮށްދޭނެ އެވެ. އަދި ޕައިލެޓަކާ ނުލައި ދުއްވާ ޑްރޯނާއި މިސައިލް މަތަކުރާ ނިޒާމް މޮރޮކޯއަށް ފޯރުކޮށްދޭނެ އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ބެނި ގަންޒު ދެދުވަހުގެ ދަތުރުފުޅެއްގައި މޮރޮކޯއަށް ވަޑައިގެން، މޮރޮކޯގެ ދިފާއީ ވަޒީރު، އަބުދުއްލަތީފު ލޫދީއާއެކު ސޮއިކުރެއްވި އެއްބަސްވުންތަކަކީ އިޒްރޭލު ދެކޭ ގޮތުގައި ވިޔަފާރި އެއްބަސްވުމެކެވެ. ޝައްކުގެ ނަޒަރަކުން ދެކޭ މީހުންނަށް އެއީ ފަނާކުރަން އެޅި ބިންގަލެކެވެ.

އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް އަރަބި ގައުމުތަކުން އާނބަސް ބުނި ގައުމުތަކުގެ ތެރޭގައި މޮރޮކޯ ހިމެނެ އެވެ. މޮރޮކޯއަށް ހަތިޔާރު ވިއްކަން އިޒްރޭލުން އެއްބަސްވީ، އިޒްރޭލާއެކު ގާތް ގުޅުމެއް ބާއްވަން ވި އެއްބަސްވުމުގެ ތެރެއިންނެވެ.

އިޒްރޭލަކީ ދައުލަތެއް ގޮތުގައި ބަލައިގަނެ ގުޅުން ގާތްކުރަން މޮރޮކޯއިން ސޮއިކުރީ ޑިސެމްބަރު 20، 2020 ގައެވެ. ޔޫއޭއީ އާއި ބަހުރޭން އަދި ސޫދާން ވެސް ވަނީ މިއެއްބަސްވުމުގައި ސޮއިކޮށް އިޒްރޭލާއެކު ވިޔަފާރިކުރަން ފަށައި އަދި އަސްކަރީ ބޭނުންތަކުގައި ވެސް މުއާމަލާތްކުރަން ފަށާފަ އެވެ.