އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް -- ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މެދުއިރުމައްޗަށް ވަޑައިގަންނަވަނީ އެވެ. ހަބަރުތައް ބުނާ ގޮތުން އޭނާގެ ދަތުރު އޮތީ މި ހަފުތާ ފަހުކޮޅަށް ތާވަލުކޮށްފަ އެވެ.
ބްލިންކެން މި ފަހަރު ވަޑައިގަންނަވާނެ ކަމަށް ވަނީ ޔަހޫދީން ފޭރިގެންފައި އޮތް ބިންތަކަށާއި ހުޅަނގު އައްސޭރިއަށް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށެވެ.
ބްލިންކެން އެންމެ ފަހުން މެދުއިރުމައްޗަށް -- މިސްރަށާއި އުރުދުންއަށް ކުރެއްވި ދަތުރުގައި، އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުސްއަތާ އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލުން ވިދާޅުވާ ގޮތުން ބްލިންކެންގެ މި ދަތުރަކީ ޣައްޒާއަށް އެހީ ވެއްދުމަށް ބާރުއެޅުއްވުމަށް ކުރައްވާ ދަތުރެކެވެ.
ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީތެރިކަމަށް ފުރުސަތު ދިނުމަށް -- ބްލިންކެންގެ މި ދަތުރުގައި ބާރުއަޅުއްވާނެ ކަމަށްވެސް އަޑުއިވެ އެވެ.
ޒަޔަނިސްޓުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހައި ފައިންއަރައި ފަލަސްތީންގެ ބިންތައް ފޭރިގެންފައި އޮތް އޮތުމާ މެދު ބްލިންކެން އެއްޗެއް ވިދާޅުވާން ބޭނުން ނުވި ނަމަވެސް ޣައްޒާގައި ވެރިކަންކުރާނެ ބަޔަކާ މެދު ޒަޔަނިސްޓުންނާ މަޝްވަރާ ކުރައްވާނެ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާގައި ހަމާސް ވެރިކަން ކުރުމަކީ އެމެރިކާ އެދޭ ގޮތެއް ނޫނެވެ. ހަމާސް އަކީ ޓެރަރިސްޓް ޖަމާތެއް ގޮތުގައި ލޭބަލްކޮށްފައި އޮންނާތީ އެއީ ވެރިކަން ކުރަން ކުފާހަމަވާ ބައެއް ގޮތުގައި އެމެރިކާ ނުދެކެ އެވެ. ނަމަވެސް ހަމާސް އަކީ ދެން ދުނިޔެއިން ނައްތާލެވޭނެ ފިކުރެއް ނޫން ކަމަށް ޔޫރަޕްގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
ޣައްޒާގައި ހަމާސްއަށް ވެރިކަން ނުކުރެވޭނެ ކަމަށް އެމެރިކާ ބުނަނީ ހަމާސްގެ ސަބަބުން ފޭރިގެންފައި އޮތް ބިންތަކުގައި އާބާދުވެގެން އުޅޭ ޔަހޫދީންގެ ސަލާމަތަށް ނުރައްކާވާނެތީ އެވެ. ނަމަވެސް އެމެރިކާ ގަބޫލުކުރަން ބޭނުންނުވާ ކަމަކީ ޒަޔަނިސްޓުން ދިރިއުޅުން ބިނާކޮށްފައި ވަނީ ފަލަސްތީނުން ފޭރިގެންފައި އޮތް ބިންތަކެއްގައި ކަމެވެ.
ޔަހޫދީންނާ ދެކޮޅުވެރިވެ ހަނގުރާމަކުރުމަކީ ހަމާސް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ފަލަސްތީންގެ ބިންތައް ފޭރިގަތުމާ އެ މީހުން ދެކޮޅީ އެވެ.
ހަމާސް ބުނާ ގޮތުން އެ މީހުން ކުރަނީ މުގައްދަސް ހަނގުރާމަ އެެކެވެ. މުސްލިމުންގެ މުގައްދަސް ބިނާތަކާއިން ބިންތައް ހިމާޔަތްކުރުމަކީ އުންމަތަށް ވާޖިބެއް ކަމަށް ހަމާސް ބުނެ އެވެ.