ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ ލިބޭ ކުޑަ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.
ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ކުއްޖާ އަކީ ޖިނާއީ ބޮޑު ކުށެއް ކުރި ކަމަށް ތުހުމަތުވާ ކުއްޖެއް ކަމާއި އޭނާ ކުށުގެ އަމަލު ހިންގީ އަނިޔާވެރިކޮށް ކަމަށް ދައުލަތުންނާއި ކުއްޖާގެ ފަރާތުން ވެސް ދެބަސް ވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދަ ކުއްޖަކު މުޖުތަމައަށް ދޫވެފައި ހުރުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާތީ އެ ކުއްޖާ ރިމާންޑް ޖަލަށް ބަދަލުކުރަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އުދައްޔު މަރާލިއިރު އެ ކުއްޖާ އަށް 18 އަހަރު ނުވި ނަމަވެސް މިހާރު އެ ކުއްޖާ އަށް ވަނީީ 18 އަހަރު ވެފަ އެވެ. އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓަކާ ހަވާލާދީ ޖަލުގައި ހުރި މައްސަލަތަކެއް ފާހަގަކުރުމަށްފަހު ޝަރުތުތަކަކާ އެކު އެ ކުއްޖާ ގޭބަންދަށް ދޫކޮށްލަން ޖުވެނައިލް ކޯޓުން އަމުރުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ.
އުދައްޔު މަރާލި މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އެއީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.
އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލުމުގައި ބައިވެރިވި ކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު ކަމަށް މާމެންދޫ ބައެއް މީހުން ބުނެ އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.