ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުކުރުމުން އަށް ޕާޓީއެއް އުވާލަން ނިންމައި، ޕާޓީތައް އުވާލަން ކުރަންޖެހޭ މަސައްކަތްތައް ފަށައިފި ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން މެންބަރުންގެ ގޮތުގައި އެންމެ މަދުވެގެން ޕާޓީއެއްގައި 3000 މެންބަރުން ތިބެންޖެހެ އެވެ. އަދި ގާނޫނަސް އަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އެފަދަ ޕާޓީތަކުން އެއަދަދަށް ނޫނީ އެއަށް ވުރެ އިތުރަށް މެންބަރުން ހަމަނުކޮށްފި ނަމަ އެފަދަ ޕާޓީތައް އުވޭނެ އެވެ. ކޮމިޝަނުން ދިން ނޯޓިސް މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.
މުސްތަފާ ވިދާޅުވީ، 3،000 މެމްބަރުންގެ އަދަދު ހަމަނުވާތީ އުވާލަން ނިންމާފައިވަނީ ލޭބާ ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް އާއި ޕީޕަލްސް އެލަޔަންސް އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ގައުމީ ޕާޓީ އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ޕާޓީ ކަމަށެވެ. މެމްބަރުން ހަމަކުރަން ދިން މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު އެ ޕާޓީތަކަށް އެ އަދަދަށް މެމްބަރުން ހަމަ ކުރެވިފައިނުވާތީ ޕާޓީތައް އުވާލައި، އެ ޕާޓީތަކުގެ މިލްކިއްޔާތާމެދު ގޮތެއް ނިންމަން މިހާރު މަޝްވަރާކުރަމުންދާ ކަމަށް އޭ ވިދާޅުވި އެވެ.
"ޕާޓީތައް އުވާލުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ ފަށާފައި. އެކަން ކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް އަޅުގަނޑުމެން އަމަލުކުރަމުން ގެންދާނަން،" އަމްޖަދު ވިދާޅުވި އެވެ.
އަމްދަދު ވިދާޅުވި ގޮތުގައި މެންބަރުން ހަމަ ނުވާ ޕާޓީތަކަށް އެ ކޮމިޝަނުން ދިން ނޯޓިސް ފޮނުވި ނަމަވެސް އެއިން އެއްވެސް ޕާޓީއަކުން އިތުރު މެންބަޝިޕް ފޯމެއް ހުށަނާޅަ އެވެ. އަދި އެ މައްސަލައިގައި އެ ޕާޓީތަކާ މަޝްވަރާކުރަން ވެސް އިލެކްޝަނަށް ދަތިތަކަކާ ކުރިމަތި ވި ކަމަށް އަމްޖަދު ވިދާޅުވި އެވެ.
މެންބަޝިޕް ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހަން ގާނޫނުގައި ލާޒިމް ކުރުމުގެ ކުރިން، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދިން މުއްދަތުވެސް މިމަހުގެ ނިޔަލަށް ހަމަ ވާނެ އެވެ. ޖުރިހާ ޕާޓީ އިން ޖުމްލަ 25000 މީހުންގެ ފިންގަ ޕްރިންޓް ބޭނުންވާއިރު، ފިންގަ ޕްރިންޓް ހޯދަންޖެހޭ މީހުންގެ އައިޑީކާޑުގެ ހުރިހާ މައުލޫމާތެއް ޕާޓީތަކަށް ދީފައިވާނެ ކަމަށް އެ ކޮމިޝަނުންވަނީ ބުނެފަ އެވެ.
އަމްޖަދު ވިދާޅުވީ، ވަކި ޕާޓީތަކުން ފިންގަޕްރިންޓް ޖަހަން ޖެހޭ މީހުންގެ އަދަދު ބުނަން ދަތިކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ ޖުމްހޫރީ ޕާޓީ، އެމްޑީޕީ އަދި ޑީއާރު ޕީއަށެވެ.
މެންބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ޖަހަން ޕާޓީތަކަށް ދިން ނޯޓިސް އާއެކު ގިނަ ޕާޓީތަކުން އެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް ފޯމުތަށް ކޮމިޝަނަށް ލިބެމުންދާކަން އަމްޖަދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެކަމާ މެދު ވަކި އެއްޗެއް ބުނަން އެނގޭނީ މުއްދަތު ހަމަވުމަށް ފަހު ފޯމްތައް ރިވައިޒް ކުރުމުން ކަމަށެވެ.