ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

"ﷲ އަކްބަރު"

ފަތިސް ނަމާދަށް ސަޖިދައަށް ތިރިވެލުމާއެކުގައި ހަފްސާގެ ދެލޯ ކަރުނައިން ފުރައިލިއެވެ. މާތްﷲއަށް ކުއްތަންވެ، އާދައިގެ މަތިން ހަފްސާ ދުޢާ ކުރަން ފެށިއެވެ. ހަފްސާގެ ހުރިހާ ވެސް ހިތާމައެއް ބިނާވެފައި ވަނީ އޭނާގެ ހަނގު އަންހެން ދަރިފުޅަށެވެ. އެ ދަރިފުޅުގެ އަޙުލާޤުގެ މައްޗަށެވެ. ތިން ކުދިން ލިބިފައިވާ އިރު އޭގެ ތެރެއިން އެންމެ ހަނގު ދަރިފުޅު، ހަފްސާގެ އަތުގެ ތެރެއިން ގެއްލިގެން ދިޔައީ ހަފްސާ ކީއްކޮށްގެން ބާއޭ އޭނާގެ ހިތަށް އަބަދުވެސް އަރައެވެ. އެކަމާ ޝަކުވާ ކުރެވެއެވެ. 3 ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވި، މުޅި ރަށަށް ދޮށީ ދެ ދަރިން ނަމޫނާ ދައްކަމުން ދާއިރު، އެންމެ ހަނގު ދަރިފުޅަށް އުނިކޮށްލެވުނީ ކޮން ކަމެއް ހެއްޔެވެ؟ ނުދެވުނީ ކޮން ލޯތްބެއް ހެއްޔެވެ؟ 3 ދަރިންގެ މެދުގައި ހަފްސާ ކުރީ ކޮން ތަފާތެއް ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ހަފްސާގެ ހިތް ރޮމުން އޭނާއަށް ކުރަމުން ގެންދިޔަ ސުވާލު ތަކެވެ. ހަފްސާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެނދުގެ ކަނެއްގައި އިށީންދެގެން އިން އޭނާގެ ފިރިމީހާ ގާދިރަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެއީ އައު މަންޒަރަކަށް ނުވިނަމަވެސް، ހަފްސާގެ ހަރަކާތްތައް ހުންނަ ގޮތުން ގާދިރު އިންތިހާއަށް ދެރަވެއެވެ.

***

މުޅި ކޮޓަރި ތެރެއިން ފެންނަނީ ހިމޭން ކަމެވެ. އެނދުގައި އޮށޯވެގެން އޮތް އުމުރުން 22 އަހަރުގެ ސަހުލާގެ ލޮލަށް ނިދީގެ އެއްވެސް ހިލަމެއް ނާދެއެވެ. އޭނާގެ އިސްތަށިގަނޑު ހޭވިފައި އޮތް އިރު، މުޅި މީހާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ދޭތެރެ ދޭތެރެއިން ފޯނު ހުޅުވައި ބަލައިލައެވެ. ފޯނުގެ ޑިސްޕްލޭއިން އެ ލިބޭ އަލިކަން ނޫން އިތުރު އެއްވެސް އަލިކަމެއް އެ ކޮޓަރީގެ ތެރެއަކުން ނުފެނެއެވެ. އޭސީގެ ފިނި 17ގައި ހުރިއިރު ވެސް، އެނދުގައި އޮތް ސަހުލާއަށް ފިނިވާ ހެނެއް ހިޔެއް ނުވެއެވެ. ނިތްކުރިން މަޑުމަޑުން ދާހިއްލާތީ ދޭތެރެދޭތެރެއިން ސަހުލާ ގެންދިޔައީ އޭނާގެ އަތުގެ ނުފުށުން ނިތްކުރި ފޮހެމުންނެވެ. އަނެއްކާވެސް، ސަހުލާ ފޯނު ނަގައި ހުޅުވާލިއެވެ. ހީވަނީ ކޮންމެވެސް ކަމެއް ނުވެގެން އުޅޭހެންނެވެ. ނޫނީ ކޮންމެވެސް ބޮޑު ވާހަކައެއް މީހަކަށް ކިޔާ ދެނީހެންނެވެ. ވަރަށް ދިގު މެސެޖެއް ލިޔެލުމަށްފަހު، އޮށޯވެގެން ނޯއްވެވިގެން އެންމެފަހުން ސަހުލާ އެނދުން ތެދުވެއްޖެއެވެ. ކޮޓަރީގެ ދެކޮޅަށް ހިނގަމުން ސަހުލާ ގެންދިޔައީ އޭނާގެ ފޯނު އަތުގެ ތެރެއަށް ލައި، ފިއްތައިލައިގެން ހުރެގެންނެވެ. އެހެން ހިނގަނިކޮށް ސަހުލާއަށް ކުއްލިއަކަށް އިވެން ފެށީ، ވަރަށް ރީތި މަޚުރަޖައަކުން ފިރިހެނަކު ޤުރުޢާން ކިޔަވަން ފެށި އަޑެވެ. އެ އަޑަކީ ސަހުލާއަށް އައު އަޑެއް ނޫނެވެ. އެ އަޑު އިވުމާ އެކުގައި ސަހުލާ ބަލައިލީ ގަޑިން ވީއިރަކަށެވެ. ފަތިސް ވެއްޖެކަން ވެސް ސަހުލާއަށް ރޭކައިލީ ދެނެވެ.

***

ސަލާން ދިނުމަށްފަހު، ހަފްސާ ބަލައިލީ އޭނާގެ ފިރިމީހާ އަށެވެ. އަދި ލުއިކޮށް ހީނލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވީ ހަފްސާގެ ފިރިހެން ދަރިފުޅު ސިޓިންގރޫމްގައި އިނދެ ޤުރުޢާން ކިޔަވަމުންދާ އަޑެވެ.

"ފަޚުރުވެރިވޭ! އަހަރެންގެ ދަރިއެކޭ ބުނަން ވެސް. އަހަރެންގެ ސަހުލާ ވެސް އެފަދަ ދަރިއަކަށް ވީނަމަ.." މުސައްލަމަތިން ތެދުވެ، ހަފްސާ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހިޝާމަށް ތަޢުރީފް ކޮށްލިއެވެ. ހިޝާމަކީ ކިޔަވައިގެން ހުރި މޮޅު ޝެއިޚެކެވެ. އައްޝެއިޚު މުހައްމަދު ހިޝާމް ގާދިރެވެ. މުސައްލަ ނެގުމަށްފަހު ހަފްސާ ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. އަދި މޫނަށް ބަލައިލުމަށްފަހުގައި، ހަފްސާ އޭނާގެ މޫނު ނިވައު ކޮށްލީ މޫނު ބުރުގާއިންނެވެ.

"ހިނގާ ދާން!" ހަފްސާ އެހެން ބުނެލި އިރަށް ގާދިރު އެނދުން ތެދުވެއްޖެއެވެ. އަދި އެ ދެމީހުން އެކީގައި ކޮޓަރިން ނުކުތެވެ. އާދައިގެ މަތިން ފަތިސް ގަޑީގައި އެދެމީހުން ހިނގައިލަން ދާން ނުކުމެއެވެ. އެއީ އެދެމީހުން ބޯ ހަމަޖައްސައިލާ، ދިރިއުޅުމާއި ދަރިންގެ ވާހަކަތައް ދައްކައިލަން އެމީހުން ބޭނުން ކުރާ ހިތްފަސޭހަ ވަގުތުކޮޅެކެވެ. ނަމަވެސް އެވަގުތުކޮޅުގައި ވެސް ހަފްސާގެ ހިތަށް އެލިބެން ޖެހޭ ހަމަޖެހުން ނުލިބެނީ ސަހުލާގެ ނަން އަންނަ ހިސާބުންނެވެ. ގާދިރުގެ ޙާލަކީ ވެސް މިއީއެވެ.

***

ސަހުލާ އަނެއްކާ ވެސް އޭނާގެ ނިތްކުރިން ދާތައް ފުހެން ފެށިއެވެ. ކޮޓަރީގެ އަނދިރިކަމުން ސަހުލާގެ މޫނު ވެސް ހީވަނީ ކަޅުވެފައިވާ ހެންނެވެ. އެކޮޓަރީގައި ސަހުލާ ފެންނަނީ ހިޔަންނެއް ހެންނެވެ. އެގޮތުގައި ވަގުތުކޮޅަކު ސަހުލާ ހޭދަކޮށްލި ތަނާ އޭނާގެ ފޯނު ރިންގުވާ ފެށިއެވެ. ލަސް ނުކޮށް ސަހުލާ ފޯނަށް ޖަވާބު ދިނެވެ.

"ހަލޯ! ރިޝް." ސަހުލާގެ އަޑުގައި އެއްވެސް އޮމާން ކަމެއް ނެތެވެ. އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ. ކޮޓަރިން ބޭރަށް އަޑު ނުކުމެދާނެތީއެވެ.

"ސަހޫ. އޯކޭތަ؟ ހާދަވަރަކަށް ގުޅާފަ؟ އަނެއްކާ އިތުރު ކަމެއް ވީތަ؟ ޖައިޝް އެއްޗެކޭ ބުނީތަ؟" ސަހުލާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ރިޝްފާ ސުވާލު ތަކެއް އެއްފަހަރާ އޮއްސައިލިއެވެ. ރިޝްފާގެ އަޑުގައި ނިދި ފާޑެއް ހުއްޓެވެ.

"އަހަރެން ބިރު ގަންނަނީ ހަމަ. ޖައިޝްއާ އަހަރެން ވާހަކަދެއްކިން. އޭނަ އެއްބަހެއް ނުވޭ. އަހަރެން ވަރަށް ކިޔައިފިން. އޭނަ ބުނަނީ ހަމަ އެކަން ކުރަން." ސަހުލާގެ އަޑުން އޭނާ ހާސްވެފައި ހުރި މިންވަރު ހާމަވެއެވެ.

"ނޫން! ނުކުރާތި އެކަން! އަހަރެން ބޭނުމެއް ނޫން ސަހޫއަށް ދެރައެއް ލިބޭކަށް. އެހެން ނޫންނަސް އަހަރެން ބުނީ ހަމަ ރަނގަޅު ވާހަކައެއް. އެއީ އެތައް ބަޔަކު ތަޖުރިބާ ކުރަމުންދާ ކަމެއް. ސަހޫގެ ދެވަނަ ފަހަރު މީ، ވިސްނަން ޖެހޭނީ ހަމަ ސަހޫ. އަހަރެން މިހެން ބުންޏަސް، ޑިސިޝަން ނަގާނީ ހަމަ ސަހޫ އިނގޭ. އަހަރެން މި ބުނީ އަހަރެންގެ އޮޕީނިއަން." ރިޝްފާގެ ނިދި ރާގު މަޑުމަޑުން ފިލައިގެން ދިޔައެވެ.

"އަހަރެން ވެސް ނޭދެމޭ އެހެން އެކަން ވާކަށް ދެން. އެވާހަކަ ބުނި އިރަށް ހަމަ ލަސްވެފަ ހުރީ. އަހަރެން އާދޭސްކޮށްކޮށް ހުއްޓާ ބޭސް ވެސް ގެނެސްފި. އަތަށް ދީފަ އެ ދިޔައީ. އަހަރެން އެޔަށްފަހު ވެސް ހާދަ ވަރަކަށް މެސެޖު ކުރީމޭ. ރިޕްލައި ވެސް ނުދިން. ގުޅީމަ ކޮށްލީ ބިޒީ!" ސަހުލާ ފޯނު ކަންފަތު ޖަހައިގެން އިނދެ އެނދުގެ ފަޑީގައި އިށީންދެލިއެވެ.

"އަޅޭ! ވަޓްސް ރޯނގް ވިތް ހިމް؟ މިހީވަނީ ވަރަށް ފަސޭހަ ކަމެއްހެން! ހަމަ އަނގައިން ދަރި ވައްޓާލާށޭ ބުނާއިރު.." ރިޝްފާ ހިތްހަމަނުޖެހުނެވެ.

"އޭނައަށް ތިހެން ނުބުނޭ! ރިޝްއަށް އެނގޭނެ އަހަރެން ޖައިޝް ދެކެ ވާ ލޯބި. މި ޙާލުގައި ވެސް އަހަރެން ޖައިޝް ދޫކޮށް ނުލަނީ ޖައިޝް ދެކެ ލޯބިވާތީ." ސަހުލާގެ އަޑު ބެދުނެވެ. ޖައިޝް ދެކެވާ ލޯބި ބަޔާން ކުރަން ސަހުލާއަށް އެއްވެސް ވަރަކަށް ފަސޭހައެއް ނޫނެވެ. ކިތަންމެ ބަދުނަސީބު ލޯތްބެއް ލިބެމުން ދިޔަ ނަމަވެސް، ސަހުލާ އުއްމީދު ކަނޑައެއް ނުލައެވެ. ޖައިޝް އިސްލާހުކޮށް، ޖައިޝްއާ އެކުގައި އުފާވެރި، ލޯބި ޙަޔާތެއްގެ ހުވަފެން އަދިވެސް ސަހުލާ ގެންދިޔައީ ދެކެމުންނެވެ.

"ބުނެވޭނެ ދޯ؟ ތީ އަހަރެންގެ ބެސްޓު ފުރެންޑް. އަހަރެންނަށް އެބަ އިނގޭ ސަހޫ އޭނަ ދެކެވާ ލޯބި. ސަހޫ އުމުރުން 16 އަހަރުން ފެށިގެން ލޯބިވި މީހާކަން ވެސް އަހަރެންނަށް އެނގެއޭ! އެއީ ސަހޫގެ ފުރަތަމަ ލޯބިކަން ވެސް އަހަރެންނަށް އެނގެއޭ! އަހަރެން މިވާހަކަ މި ދައްކަނީ ސަހޫއަށް ވިސްނާފަ." ރިޝްފާގެ ވާހަކަތަކަށް އެއްވެސް އެއްޗެއް ނުބުނެ، ސަހުލާ ހިމޭންވެލިއެވެ. ދެން ވެސް ވާހަކަދެއްކީ ރިޝްފާއެވެ.

"ސަހޫ ވިސްނާލަ ބަލަ! ސަހޫގެ އުމުރުން 17އަހަރުގަ ޕްރެގް ވީމަ ވެސް އެބޯރޓް ކޮށްލީ. އަނެއްކާ މިފަހަރު ޕްރެގް ވީމަ ވެސް އެ ބުނަނީ އެބޯރޝަން ހަދަން. ސަހޫ މެރީ ކުރަން ބުނީމަ ވެސް، އެކަމަށް ހަމަހިލާ އެއްބަހެއް ނުވޭ. ތިހެން އެބޯރޝަން ހެދުން އިޒް ނޮޓް ސޭފް. އަހަރެން ކުރިން ވެސް ބުނީމެއްނު! އަހަރެން ދަންނަ މީހަކަށް ވީ ގޮތް. އެބޯރޝަން ހެދީމަ ދެން ދަރިން ނުލިބުނީ. އަޅެ ބުނެބަލަ! ސަހޫ ބޭނުންތަ އެހެން ވާން؟" ރިޝްފާ ކޮށްލި ސުވާލަށް ސަހުލާއަށް ވަގުތުން ދެފަރާތަށް ބޯ ހުރައިލެވުނެވެ.

"ނޫން! އަހަރެން ބޭނުމެއް ނޫން. އަހަރެން ޖައިޝްއާ ވާހަކަދައްކާނަން. ކައިވެންޏަށް އޭނަ ޤަބޫލު ކުރުވާނަން!" ސަހުލާ އެހެން ބުނުމާ އެކު ފޯނު ކަނޑައިލީ، އޭނާ ބުނި ޖުމުލާގައި މާބޮޑު ބާރެއް ނެތްކަން އަމިއްލައަށް ވެސް އޭނާއަށް އިޙްސާސް ވުމުންނެވެ.

***

މުޅިން އައު ދުވަހަކަށް އިރުގެ އަލިކަން ސ.ހިތަދޫއަށް މަރުޙަބާ ކިޔައިފިއެވެ. ގަޑިން 8 ޖަހާ ބޮޑުވި އިރު ވެސް ސަހުލާ އޭނާގެ ކޮޓަރިން ނުކުންނާކަށް ބޭނުމެއް ނުވިއެވެ. ދެތިން ފަހަރަކު ހަފްސާ ވެސް ސަހުލާ ނުނިކުމެގެން، ލަސްވެގެން އޭނާއަށް ގޮވައިފިއެވެ. ނަމަވެސް ހަފްސާގެ އަޑަށް ސަހުލާ ދިނީ ބީރު ކަންފަތެކެވެ. މޫނުމަތީގައި ބާލިސް އަޅައިގެން އަދިވެސް ސަހުލާ އޮތީ ރޯންށެވެ. ހަދާނެ ގޮތެއް ނޭނގިގެންނެވެ. ސަހުލާއަށް މީގެ 6 ވަރަކަށް އަހަރު ކުރިން ލޯބި ދަސްވީ ޖައިޝްގެ ފަރާތުންނެވެ. ލޯބީގައި ހުރި ބާރާއި ޖަޒްބާތަކީ ކިހާ ވަރެއްގެ އެއްޗެއްކަން ސަހުލާއަށް ޖައިޝްގެ ކިބައިން ދަސްވިއެވެ. ޖައިޝްގެ ކޮންމެ ބީހުމަކީ ވެސް އެ ބީހުމަކަށް ސަހުލާ ތާއަބަދު އެދެވޭ ބީހުމަކަށް ވަނީ ވެފައެވެ. ޢާއިލާއާ ދެކޮޅަށް ލޯބީގެ ކަނޑުގައި ސަހުލާ ވޭތު ކުރި ދިގު ދަތުރުގެ ސިއްރަކީ ސަހުލާ ވާ ލޯތްބެވެ. ޖައިޝް ދެކެ ހިފެހެއްޓުމެއް ނެތި ސަހުލާ ވަމުންދާ ޙަޤީޤީ އިޝްޤެވެ. އެއީ ހަމަ މުހައްބަތެކެވެ. ލޯބިން ފެވިގެން ދިޔަ ހުރިހާ ކަމެއް ވެސް ސަހުލާއަށް އެންމެ 16 އަހަރުގައި ޖައިޝްއާ އެކުގައި ވަނީ ކުރެވިފައެވެ. ކުރަން ނުޖެހޭ ކަންތައް ކުރެވި، އެ ލޯތްބަށް މިހާރު ހައްދެއް ނެތެވެ.

ސަހުލާގެ ލޯބީގައި ޖައިޝްއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް ސަހުލާ ވާ ލޯބީގެ ފައިދާ ޖައިޝް ހިފަނީ ރަނގަޅަކަށޭ ބުނެވޭނެ ޖާގައެއް ނެތެވެ. މަސްތުގެ ކޯރެއްގައި "ހޭވެރިކަމެއް" ނެތި ޖައިޝް އުޅެނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ޖައިޝްގެ ދުލުން "ލޯބި ވަމޭ" ބުނެލާތީ އެ ބަހުގައި ސަހުލާ ވަނީ ދީވާނާ ވެފައެވެ. އަނެއްކާ ވެސް ސަހުލާއަށް އިވެން ފެށީ ދޮރުގައި ޓަކި ދޭން ފެށި އަޑެވެ.

"ދަރިފުޅާ! ސަހުލާ. ތެދުވޭ. އަދޭ ސައި ބޯން." ހަފްސާގެ އަޑު ސަހުލާގެ ކަންފަތުގައި ޖެހުނެވެ. "އާނ މިދަނީ" އޭ ބުނެ ސަހުލާ މިފަހަރު ޖަވާބު ދިނެވެ. ހަފްސާ އަކީ ވަރަށް ހިތްތިރި، ލޯބި މަންމައެކެވެ. ދުވަހަކުވެސް ރުޅި އިސްކޮށް، ދަރިންނަށް ހުތުރުކޮށް ވާހަކައެއް ނުދައްކާނެއެވެ.

ރަށުގެ މީހުންގެ މަލާމާތް ހަފްސާއަށް ލިބެއެވެ. ސަހުލާ ލޯބީގެ ގޮތުން މަސްތުވާތަކެއްޗާ ދޯޅަ ކުއްޖެއް ގެންގުޅޭތީއެވެ. އެކަމާ ވެސް ހަފްސާ އެތައް ފަހަރަކު ސަހުލާއާ ވާހަކަދައްކައިފިއެވެ. އެ ހުރިހާ ވާހަކަތަކެއް ސަހުލާގެ ކަންފަތަށް ނީއްވޭ އިރުވެސް، ހަފްސާ އެ ވާހަކަތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ލޯބިންނެވެ. ވިސްނައިދޭން އަޒުމް ކަނޑައަޅައިގެންނެވެ. ރުޅި އިސްކޮށްގެން ވާނެ އެއްވެސް މޮޅެއް ނެތްކަން ހަފްސާ ދަންނައެވެ.

ހެނދުނުގެ ނާސްތާގައި ސަހުލާއަށް އޭނާގެ އަރުން އެތެރެ ކުރެވުނީ ހަމަ އެކަނި ފެން ފޮދެކެވެ. އެކަމާ ކަންބޮޑުވެގެން ސުވާލުކުރަން އުޅެފައި ވެސް ހަފްސާ އެއްވެސް އެއްޗެއް ނާހައެވެ. ސަހުލާގެ މޫޑު ހުރީ ވާހަކަދައްކައިގެން އެއްވެސް ޖަވާބެއް ލިބޭނެ ގޮތަކަށް ނޫންކަން ސަހުލާ ފެނިފައި ވެސް ހަފްސާއަށް އެނގުނީތީއެވެ.

ދުވަހުގެ ވަގުތުތައް ވޭތުވަމުން ދިޔައީ ސަހުލާ އާއި ޖައިޝްގެ އެތައް މެސެޖު ތަކެއް ދެމީހުން އެކަކު އަނެކަކުގެ ފޯނަށް ފޮނުވަމުންނެވެ. އެންމެ ފަހުން ދެމީހުން ވެސް ނިންމީ މިރޭ ބައްދަލުކޮށް ވާހަކަދައްކާށެވެ. އެދެމީހުންގެ ތެރެއަށް ރިޝްފާ ނުވަދެ ހުރީ، އެކަމަށް ސީދާ ސަހުލާ އެންގީމައެވެ. ސަހުލާ މިކަން ހަމައަކަށް އަޅުވާނެ ކަމަށް ބުނުމުންނެވެ. ކަންތައް ވަމުންދާ ގޮތުން މާ ބޮޑު އުއްމީދެއް ނެތަސް، ޖައިޝް އެއްވެސް ދެރައެއް ސަހުލާއަށް ނުދޭނެ ކަމަށް ސަހުލާ ދެކެއެވެ. ޖައިޝް ވެސް ސަހުލާ ދެކެ ލޯބިވާނެ ކަމަށާއި ސަހުލާ ދުނިޔެއަށް ގިނަވާކަށް އެއްވެސް ޙާލެއްގައި ޖައިޝް ނޭދޭނެކަން ސަހުލާ ޤަބޫލު ކުރެއެވެ.

ރޭގަނޑުގެ އަނދިރިކަން ވެރިވެ ގަޑިން 7 ޖެހި އިރު ސަހުލާ ފެންވަރާލައިގެން ފާޚާނާއިން ނުކުތެވެ. ގައިގައި އޮޅަލާފައި އޮތް ތުވާލި ގަޔާ ވަކިކޮށްލުމަށްފަހު، ތުވާލި އަޅުވައިލީ ކޮނޑުގައެވެ. ސަހުލާގެ ދޮން ހަށިގަނޑުގައި ލޯޝަން ލުމަށްފަހު، ސަހުލާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލްގެ ކުރިމަތީގައެވެ. އަދި ލޯގަނޑުން މޫނު ބަލައިލިއެވެ. އެއީ ދޮން އަލި ސާދާ މޫނެކެވެ. ރީތި ދެލޮލެކެވެ. ދެ ލޮލުގެ ކަޅީގައި ވަނީ މަޑު ފެހި ކަމެކެވެ. މޫނުގައި އެއްވެސް ލަކުނެއް ނެތެވެ. ތެތް ފަން އިސްތަށިގަނޑު ވައްޓާލައިފި އޮތް އިރު، އެ އިސްތަށިގަނޑުން ސަހުލާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދޭނެއެވެ. އެ މޫނުމަތިން މަދުވަނީ ހަމަ އެންމެ ކަމެކެވެ. އެއީ ހިނިތުންވުމެކެވެ. ސަހުލާ ހީނލައިފި ނަމަ، މޫނުމަތިން ފެންނާނީ އަޖައިބެކެވެ. ރީތީގެ ޖާދޫގެ މިސާލެކެވެ. ނަމަވެސް ހިނިތުންވާނެ ހިތްވަރެއް ސަހުލާގެ ނެތެވެ. ބޮލުގައި އުފެދިފައިވާ ހައިޖާނަށް ލުޔެއް ނުލިބެނީސް، ސަހުލާއަށް ހަމަ ނޭވާލާން ވެސް ވަނީ ދަތިވެފައެވެ.

ރީތި ވެލައިގެން ސަހުލާ ކޮޓަރިން ނުކުތް އިރު، ސިޓިންގރޫމްގައި ސަހުލާގެ މަންމަ އާއި ބައްޕަ ތިއްބެވެ. ސަހުލާ ފެނިފައި އޭނާ ހުރީ ބޭރަށް ދާން ތައްޔާރު ވެފައިކަން އެދެމީހުންނަށް ޔަޤީންވިއެވެ.

"ކޮންތާކަށް؟" ސުވާލުކޮށްލީ ގާދިރެވެ.

"ބޭރަށް." އަވަސް ކުރު ޖަވާބެއް ސަހުލާ ވަގުތުން ދިނެވެ.

"މަންމަމެން މިތިބީ ދަރިފުޅާ ވާހަކަދައްކާލަން ކަމަށް." ހަފްސާ އެހެން ބުނެލީ ސަހުލާ މަޑު ނުކުރާނެކަން އެނގޭ ޙާލުގައެވެ. ހަފްސާ ހީކޮށްގެން ހުރީ މިއީ ރަނގަޅު ވަގުތަށް ވާނެ ކަމަށެވެ. ނަމަވެސް ރަނގަޅު ވަގުތަށް މިގަޑި ވެސް ނުވާނެކަން ފަހުން ޤަބޫލުކުރަން ހަފްސާއަށް ޖެހުނީއެވެ.

"މިއަންނަނީ ބޭރަށް ގޮސްފަ." އެހެން ބުނެ، ސަހުލާ ހިނގައިގަތީ އޭނާގެ މައިންބަފައިން ފަސްދީއެވެ. ސަހުލާގެ މިސްރާބު ހުރީ ހިތަދޫގެ މީހުން ނުވާ ހިތްގައިމު އެކަހެރި މާހައުުލަކާ ދިމާލަށެވެ. އެއީ އަބަދުވެސް ސަހުލާ އާއި ޖައިޝްގެ ލޯބީގެ ދަރުބާރެވެ. ސަހުލާ އެތަނަށް ދިޔައިރު ވެސް ޖައިޝްއެއް ނާދެއެވެ. ލަސްވެގެން ދެތިން ފަހަރު ގުޅާލިއިރު ޖަވާބެއް ނުލިބުނެވެ. އެކަމާ ދެރަވެފައި ހުއްޓާ މީހަކު ފަހަތުން އައިސް ސަހުލާގެ ގައިގައި ބައްދައިގަތެވެ.

"ސޮރީ.." ސަހުލާ ފަހަތް ބަލައިލިއެވެ. އެއީ އެމީހަކަށްޓަކައި ސަހުލާގެ މުޅި ޖިސްމު ހަދިޔާ ކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ޖައިޝްއެވެ. އެއީ އިސްކޮޅުން ދިގު، ހިކި ރީތި ފިރިހެނެކެވެ. އިސްތަށިގަނޑު ބުޅިވެފައި ދިގެވެ. ފިރިހެންވަންތަ ތުނބުޅިއެކެވެ. އަތާއި ކަރުގައި ފަށާއި ގަހަނާއެވެ.

"ސޮރީ.. މައި ގްރީން އައިސް، ނޫނީ މަގޭ ފެހި ލޯ.. ހެހެ" ޖައިޝް ހިފަހައްޓައިގެން ހުރީ ސަހުލާގެ ދެއަތުގައެވެ. ސަހުލާގެ ދެލޮލުގެ ކަޅި ފެހި ކުލައަށް ހުންނާތީ ޖައިޝް ލޯބިން "ގްރީން އައިސް"އޭ ކިޔައި ސަހުލާއަށް ގޮވާ ހަދައެވެ.

"ރޭގަ މާ ރުޅި ގަދަ ވެވުނީ. އައިމް ރިއަލީ ސޮރީ." ޖައިޝްގެ "ސޮރީ"އަކީ ސަހުލާއަށް ބީރައްޓެހި ބަހަކަށް ނުވިޔަސް، ސަހުލާ ލުއިކޮށް ހީނލަން މަސައްކަތް ކުރިއެވެ. ސަހުލާގެ އަތުގައި ހިފައިގެން ހުރެ، ޖައިޝް ދޮންވެލިގަނޑު މަތީގައި އިށީންދެލިއެވެ. އަދި ޖައިޝްއާ ޖެހިފިތި ބާރުވާހާ ކައިރިއަށް ސަހުލާ ގެނައެވެ.

"އަހަރެން ދެއްކި ވާހަކަތަކާ މެދުގަ ވިސްނިންތަ؟" ސަހުލާ ބަލައިލީ ޖައިޝްގެ ސީދާ ދެލޮލަށެވެ. ޖަވާބުގައި ޖައިޝް ބޯޖަަހައިލިއެވެ.

"ލޯބީ. ނިކަން ވިސްނާލަ ބަލަ! ކިހިނެއް އަހަރެމެން މެރީ ކޮށްގެން އުޅޭނީ؟ އަހަރެން ދިރިއުޅޭ ގެ އެހުރީ ވީރާނާ ވެފަ. އަހަރެން އަތުގަ ލާރިއެއް ނެތް. އަނެއްކޮޅުން، ސަހޫ މަންމަމެން ސަހޫއާ ގުޅުން ވެސް ކަނޑާލާފާނެ. އެމީހުންގެ ފަރާތުން ވެސް އެހީއެއް އޭރުން ނުލިބޭނެ." ޖައިޝް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

"އަހަރެންނަށް އޯކޭ އޭ! ޖައިޝްއާ އެކުގަ އަހަރެން ބޭނުމީ އުޅެން. ވީރާނާ ވެފަވާ ގެއަކަށް ވިޔަސް ވަރިހަމަ. ލާރި ދެ މީހުން މަސައްކަތް ކޮށްގެން ހޯދާނީ. އަހަރެން ވެސް މަސައްކަތް ކުރާނަން." ސަހުލާ މަޑުމަޑުން ޖައިޝްގެ މޭގައި ބޯއަޅައިލިއެވެ.

"ޢާއިލާ ދެކޮޅަސް، މުޅި ދުނިޔެ މިކަމާ ދެކޮޅު ހެދިޔަސް، އަހަރެން ބޭނުން ޖައިޝް. ޖައިޝްގެ މީހަކަށް ވާން. ޕްލީޒް! އަނެއްކޮޅުން މީ ޞިއްޙީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން." ސަހުލާގެ މޫނު ވަނީ ޖައިޝްގެ މޭގެ ތެރޭގައި ފޮރުވިފައެވެ.

"ތި ބުނީ ކޮންމެ ޙާލެއްގަ އުޅެން ވިޔަސް އޯކޭ އޭ ދޯ؟" ޖައިޝް މަޑުމަޑުން ސުވާލުކޮށްލިއެވެ.

"އާނ! ކޮންމެ ޙާލެއްގަ އުޅެން ވިޔަސް، އަހަރެން ހަމަ ތައްޔާރު." ސަހުލާ އެހެން ބުނެލީ ޖައިޝްއަށް ބަލައިލަމުންނެވެ.

"ތިހެންވިއްޔާ، އަަހަރެން ސަހޫއާ މެރީ ކުރާނަން. ހެޕީތަ؟" ޖައިޝްގެ ހިނިތުންވެލަމުން ބުނެލިއެވެ. (ނުނިމޭ )